މާރާމާރީ ހިންގަނިކޮށް، ހިޔާ ޓަވަރެއް ކައިރިން އިއްޔެ ހައްޔަރުކުރި ހަތަރު މީހުން 10 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓު ސަރަހައްދު ޕެޓްރޯލް ކުރަނިކޮށް ހިޔާ ފުލެޓު ހަތެއް ކައިރީ ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެނުނު ކަމަށެވެ. މި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އިއްޔެ ވަނީ ދައުރުވެފައެވެ.
މި މައްސަލައާ ގުޅިގެން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ އަންހެނުންނާއި ދެ ފިރިހެނުންނެވެ.
އެއީ އުމުރުން 19 އަހަރުގެ އަންހެނަކާއި 18 އަހަރުގެ އަންހެނަކާއި 27 އަހަރުގެ ފިރިހެނެއްގެ އިތުރަށް 24 އަހަރު ފިރިހެނެކެވެ. މި އެންމެންނަކީ ދިވެހީންނެވެ.
ފުލުހުން މިއަދު ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ހަތަރު މީހުންގެ ބަންދަށް ވެސް 10 ދުވަސް ޖަހާފައިވާ ކަމަށެވެ.




