ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ގއ. ވިލިނގިލީގައި މި ހިދުމަތް މިއަދު ދޭން ފަށައިފިއެވެ.
ވިލިނގިލީގައި ޕާސްޕޯޓްގެ ހިދުމަތް ފެށީ އެކަމަށްޓަކައި އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެ ޚިދުމަތް ފަށްޓަވައިދެއްވީ ގއ.އަތޮޅު ކައުންސިލްގެ ރައީސް އިބްރާހީމް ޝާހީން އެވެ.
މިރަސްމިއްޔާތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ބޭފުޅުންނާއި، ގއ. އަތޮޅު ކައުންސިލްގެ މުވައްޒަފުންގެ އިތުރުން ވިލިނގިލީ ކައުންސިލްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
ގއ. ވިލިނގިލީގައި މި ޚިދުމަތް ރަސްމީކޮށް ފެށުމާއެކު އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް އެ ރަށުން ނެގޭނެކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތަކެވެ.
މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.



