ކޮންމެ މުދައްރިސަކީ ދަރިވަރުންނަށްޓަކައި މަންމައެއް، ބަައްޕައެއް އަދި ބެލެނިވެރިއެއް ކަމަށާއި އެއްޖީލުން އަނެއްޖީލަށް ޢިލްމު ފޯރުކޮށްދެނީ އަދި ފަންނުތައް ވާރުތަކޮށްދެނީ މުދައްރިސުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް ފޮނުއްވަމުން މިއަދު މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ފަސްޓް ލޭޑީ ވިދާޅުވީ، މުދައްރިސުން ނެތް މުޖްތަމަޢެއްގެ ކުރިމަގެއް، ތަހުޒީބެއް، ދިރުމެއް، އުންމީދެއް ނޯންނާނެ ކަމަށެވެ.
”ހެޔޮލަފާ، ހީވާގި މުދައްރިސުންގެ އެހީތެރިކަމާއި ޚިދުމަތް އަބަދުމެ ދިވެހިރާއްޖެއަށް ލިބެމުން ދިއުމަށް އެދި ހެޔޮ ދުޢާކުރަމުން، ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރަން“ ފަސްޓްލޭޑީ މެޑަމް ސާޖިދާ ވިދާޅުވިއެވެ.
މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ރައީސް މުޙައްމަދު މުޢިއްޒު ވެސް މިއަދު ވަނީ ހުރިހާ މުދައްރިސުންނާއި އެދުރުންނަށް ފޮނުއްވާފައެވެ.



