ޣައްޒާގައި ހަމަލާތައް ހުއްޓާލުމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި ގިނަ ކަންކަމަށް އެއްބަސްވެ މަޝްވަރާކުރަން ހަމާސްއިން ނިންމުމުން ވެސް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއްދީ ޣައްޒާގެ އެތައް ބަޔަކު ޝަހީދުކޮށްލައިފިއެވެ.
ޓްރަމްޕް ވަނީ ހަމާސްއިން ސުލްހަ ބޭނުންވާކަން ޤަބޫލު ކުރެވޭ ކަމަށާއި އެހެންކަމުން އެ ފުރުސަތު ދޭން ޖެހޭކަމަށް ވިދާޅުވެ ހަމަލާތައް ހުއްޓާލުމަށް ވެސް ގޮވާލައްވާފައެވެ.
ނަމަވެސް ޣައްޒާގެ މެޑިކަލް އިދާރާތަކުން ބުނި ގޮތުގައި އޭގެ ފަހުން ވެސް އިޒްރޭލުން ގެންދަނީ ކެނޑިނޭޅި ހަމަލާތައް ދެމުންނެވެ. އަދި އެ ހަމަލާތަކުގައި މިހާތަނަށް 70 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
އިޒްރޭލުން ހިފަން މަސައްކަތްކުރާ ޣައްޒާ ސިޓީގައި އިއްޔެ، މަދުވެގެން 45 މީހަކު ޝަހީދުކޮށްލާފައިވެއެވެ. ޣައްޒާ ސިޓީގެ ތުއްފާހް ނެއިބަހުޑްގައި 18 މީހަކު ޝަހީދުކޮށްލި ކަމަށާއި އެ މީހުން ޝަހީދުވި ހަމަލާތަކުގައި އެތައް އިމާރާތެއް ބިމާ ހަމަކޮށްލާފައިވާ ކަމަށް ވެސް ޣައްޒާގެ ސިއްހީ އޮފިޝަލުން ވަނީ ބުނެފައެވެ.



