މުދައްރިސުންނަކީ ގުޅިގެން މަސައްކަތްކޮށް މުދައްރިސްކަމުގެ ފަންނު އިތުރަށް ކުރިއަރުވައި އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރާ މުދައްރިސުންގެ ދުވަހާ ގުޅިގެން މި ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން، ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުއްވި ވީޑިއޯ މެސެޖެއްގައެވެ.
އެ މެސެޖުގައި މިނިސްޓަރ ވިދާޅުވީ މުދައްރިސުންނަކީ ޤައުމު ބިނާކުރުމުގެ މޭސްތިރިންކަމަށެވެ. އަދި އަންނަން އޮތް ޖީލުތަކަށް ހުނަރާއި ރިވެތި ޚުލްގާއި އެންމެހާ ހެޔޮ ސިފަތައް ވާރުތަކޮށްދިނުމަށް އެންމެ ބުރަކޮށް މަސައްކަތްކުރާ ބަޔަކީ މުދައްރިސުން ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
”އެއްވެސް ޤައުމެއްގައި މުދައްރިސުންނަށްވުރެ އަބުރުވެރި ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ނުތިބޭނެ. އަޅުގަނޑު ދެކެނީ ހަމަ އެގޮތަށް“ މިނިސްޓަރ ޝަފީޢު ވިދާޅުވިއެވެ.
މިއަހަރުގެ މުދައްރިސުން ދުވަހުގެ ޝިއާރަކަށް ”ރީކާސްޓިން ޓީޗިންގ އޭޒް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން“ އެވެ. މި ޝިއާރަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ މުދައްރިސުންނަކީ ގުޅިގެން މަސައްކަތްކޮށް މުދައްރިސުކަމުގެ ފަންނު އިތުރަށް ކުރިއަރުވައި އުނގަންނައިދިނުމަށް މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ.



