މި ސަރުކާރަށް ދެ އަހަރު ފުރޭ ދުވަހު (ނޮވެމްބަރު 17ގައި) އިދިކޮޅު އެމްޑީޕީން އެއްވުމެއް ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭގައި ފާސްކޮށްފިއެވެ.
މިމަހުގެ 3 ވަނަ ދުވަހުގެ ރޭ ވެސް އެމްޑީޕީން ވަނީ އެއްވުމެއް ބާއްވާފައެވެ. ނަމަވެސް އެރޭ ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ކުރިކަމަށް ބުނެ އެމްޑީޕީން ރޭގައި ނިންމާފައިވަނީ ނޮވެމްބަރު 17ގައި އަނެއްކާވެސް އެއްވުމެއް ބާއްވާށެވެ.
މި އެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް އެމްޑީޕީގެ އޮފީހުގައި ބޭއްވި ގައުމީ މަޖިލިސް ބައްދަލުވުމުގައި މި ގަރާރު ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ ރައީސް އަދި އެ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަހްމަދު ސަލީމް (ސައްލެ) އެވެ.
އެގޮތުން ސައްލެ ވިދާޅުވީ، މިހާތަނަށް ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފައި ނުވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކުރުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިންނާއި ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ކުޑަކުދިންގެ ކަންފަތަށް ގެއްލުންވެ، ނަފްސާނީ ގޮތުން އުނދަގޫވެ އަދި ސިއްހީ އެހެން މައްސަލަތައް ވެސް ކުރިމަތިވެފައިވާ ކަމަށެވެ.
ނަމަވެސް ފުލުހުން ބުނެފައިވަނީ އެއްވުން ކުރިއަށްގެންދަން ފުލުހުންނަށް ބާރުގެ ބޭނުން ކުރަން ޖެހުނީ، އެއްވުން ބޭއްވުމަށްވީ އެއްބަސްވުމާ އެމްޑީޕީން ޚިލާފުވެ، ހުއްދަ ދިން ބޮޑުތަކުރުފާނުގެ މަގުގެ ބަދަލުގައި މަޖީދީމަގުން، އެއްވުމުގެ ބައިވެރިން ދާން އުޅުމުގެ ސަބަބުން ކަމަށެވެ. އަދި ފުލުހުން އަމަލުކުރީ ގާނޫނާ އެއްގޮތަށް ކަމުގައި ވެސް ބުނެފައިވެއެވެ.



