އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ބާވަތްތައް ބާޒާރަށް ނެރުމަށްޓަކައި ތައްޔާރުވަމުން އަންނަ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.
ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ ލިސްޓަށް ސަރުކާރުން މިހާރު ވަނީ 23 ބާވަތް އިތުރުކޮށްފައެވެ.
އެގޮތުން ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ މޭވާ އާއި ތަރުކާރީ ބާވަތްތައް އެސްޓީއޯ މެދުވެރިކޮށް އެތެރެކޮށް ވިއްކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމެވީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ވަޢުދުގެ ސިޔާސަތު ތަންފީޒު ކުރުމަށެވެ. އެމަނިކުފާނުގެ މި ނިންމެވުމާއެކު އެސްޓީއޯއިން ވަނީ މިކަން ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކުރަން ފަށާފައެވެ.
އެ މަސައްކަތާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން އެސްޓީއޯއިން ބުނީ އިތުރު ބާވަތްތައް ބާޒާރަށް ނެރެން އޮތީ މިމަހުގެ 15ގެ ކުރިން ކަމަށާއި، އެކަމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެގޮތުން މިބާވައްތައް މިހާރު އޯޑަރު ކޮށްފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ. ކަނޑައެޅިފައިވާ ތާރީޚަށް މިބާވަތްތައް ބާޒާރަށް ނެރެވޭނެ ކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފައިވެއެވެ.




