މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމާފައިވަނީ ރަޖިސްޓްރީވުމުގެ މުއްދަތު ހޯމަ ދުވަހުގެ މެންދަމު 12:00 އާ ހަމައަށް އިތުރުކުރުމަށެވެ.
މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އަދި މި މުއްދަތު ހަމަވާގޮތަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 އަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި މުއްދަތު އިތުރުކޮށްފައިވަނީ މީޑިއާތަކަށް އެކަށީގެންވާ ވަގުތު ދިނުމަށްޓަކައެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 353 މީޑިއާއަކަށެވެ. މީގެ ތެރޭގައި ހިމެނެނީ 18 ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ 335 މީޑިއާއެވެ.
ލިސްޓަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން 18 ފަރާތެއް އުނިކުރެވިފައިވާއިރު، އަދި އިތުރު 64 މީޑިއާ/ބްރޯޑްކާސްޓަރުން ވަނީ ލިސްޓަށް އިތުރުކުރެވިފައެވެ. މީޑިއާ ކޮމިޝަނަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، ޖުމްލަ 6 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ.
މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.
މި ކޮމިޝަނަކީ އަލަށް އަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކޮމިޝަނެކެވެ.
މި ކޮމިޝަން އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންގެ މައްޗަށެވެ.



