ދިވެހިރާއްޖޭގެ ލީޑިން ސްޓޫޑެންޓް ކޮންސަލްޓެންސީއެއް ކަމަށްވާ ކިއު ސްޓަޑީ މޯލްޑިވްސް ރަސްމީކޮށް ”ޒެޑެކްސް ސްޓަޑީ އެބްރޯޑް“ އަށް ރީބްރޭންޑްކޮށްފި އެވެ.
ކިއު ސްޓަޑީ މޯލްޑިވްސް ރަސްމީކޮށް ”ޒެޑެކްސް ސްޓަޑީ އެބްރޯޑް“ އަށް ބަދަލުކުރުން އިފްތިތާހު ކޮށްދެއްވީ، ރޭ ހޮޓެލް ޖެންގައި އެކަމަަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވި ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރ މުޖުތަބާ ޖަލީލް އެވެ. އަރިހުގައި އެ ކުންފުނީގެ ސީއީއޯ އަހްމަދު ޒައިން ނާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.
ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ޒެޑެކްސް (ކުރީގެ ނަމުންނަމަ ކިއު ސްޓަޑީ) އިން ވަނީ ރާއްޖޭގެ ދަރިވަރުންނަށް މަތީތައުލީމު ހާސިލްކުރުމަށް ރާއްޖެއިން ބޭރުގެ، ޔުނިވަރސިޓީތަކުން ފުރުސަތު ހޯދައިދިނުމުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެފައެވެ.
އެކުންފުނީގެ މަސައްކަތްތަކަށް ބަލައިލާއިރު، މިއަދާ ހަމައަށް އެ ކުންފުނީގެ އެހީގައި 600 އަށްވުރެ ގިނަ ދަރިވަރުން ދުނިޔޭގެ އިތުބާރު ހޯދާފައިވާ ޔުނިވާސިޓީތަކުން މަތީ ތައުލީމު ހާސިލްކޮށްފައިވެއެވެ.
ކިއު ސްޓަޑީ މޯލްޑިވްސް އިން ޒެޑެކްސްއަށް ސްޓަޑީ އެބްރޯޑަށް ރީ ބްރޭންޑް ކުރެވި، ދިވެހިވަންތަ ޚިދުމަތްތަކެއް ދިނުމުގެ އިތުރުން، މި ޚިދުމަތްތަށް އިތުރަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެގޮތުން، 2026 ގެ ނިޔަލަށް ޒެޑެކްސް މެދުވެރިކޮށް ކިޔަވަންދާ 2 ދަރިވަރަކަށް ”ޤިބްލަ“ މެދުވެރިކޮށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވެއެވެ.
ޒެޑެކްސް އިން ވަނީ މަތީ ތައުލީމު ހާސިލުކުރުމަށް ދަރިވަރުން ކުރާ ދަތުރުތަށް ވީހާވެސް އޮމާން ކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ޒެޑެކްސްގެ އޮފިޝަލް ޓެރެވަލް ޕާޓްނަރަކަށް ކޮންސިއާރޖް ގްރޫޕް މޯލްޑިވްސް ބަޓިކް އެއަރ ގެ ޖެނެރަލް ސޭލްސް އޭޖެންޓް ހަމަޖައްސާފައެވެ. މީގެ ސަބަބުން، ދަރިވަރުންނާއި ބެލެނިވެރިންގެ ޓިކެޓުގެ އަގާއި ކާގޯ ސާވިސަސްގެ ރޭޓު އަތް ފޯރާފަށަށް ތިރިކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި މީގެ އިތުރުން ދަރިވަރުންނަށް އެއަރޕޯޓުތަކުން ލައުންޖުގެ ސަރވިސް ލިބުން ފަދަ އެތައްކަމެއް މި ރީބްރޭންޑިންގްގެ ދަށުން ރޭވިފައިވާ ކަމަށް ވެސް ބުންޏެވެ.

”ޒެޑެކްސް ސްޓަޑީ އެބްރޯޑުގެ ނަމުގައި ހުޅުވާލެވިގެން މި ދާ އައު ސޮފްއާއަކީ، ދަރިވަރުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ތައުލީމު ހޯދައިދިނުމަށް އަޅުގަނޑުމެން މި ގެންގުޅޭ ތަސައްވުރާއި، ކުރަމުން ގެންދާ މަސައްކަތަށް ލިބިގެންދިއަ ކުރިއެރުން ދައްކުވައިދޭނެ ސޮފްހާއެއް“ ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒެޑެކްސްގެ ސީއީއޯ ޒައިން ވިދާޅުވިއެވެ.
ރޭގެ އެ ޖަލްސާގައި މި ޖަލްސާއަށް ދައުލަތުގެ އިސް ފަރާތްތަކާއި، ދަރިވަރުންނާއި، ބެލެނިވެރިން އަދި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރަމުން ގެންދަވާ އެތައް ބޭފުޅުންނެއް ބައިވެރިވެވަޑައިގެންނެވިއެވެ.
ކުރިން ކިއު ސްޓަޑީ މޯލްޑިވްސްގެ ނަމުން މަޝްހޫރުވެފައިވާ ޒެޑެކްސް ސްޓަޑީ އެބްރޯޑް އަކީ ދުނިޔޭގެ ނަން މަޝްހޫރު ޔުނިވާސިޓީތަކުގައި މަތީ ތައުލީމުގެ ފުރުސަތުތަކާ ދިމާލަށް ރާއްޖޭގެ ދަރިވަރުންނަށް މަގުދައްކައިދިނުމަށް ޚާއްސަ ކުންފުންޏެކެވެ. އެ ދަރިވަރެއްގެ ހާލަތާއި ބައްދަލުކުރާ އެހީގެ އިތުރުން އިތުބާރު ހުރި ޕާޓްނަޝިޕްތަކާއެކު، ޡެދެކްސް އިން ދަނީ ދަރިވަރުންގެ ލަނޑުދަނޑިތައް ހާސިލް ކުރުމުގެ ބައިވެރިއަކަށްވެ، މުޖުތަމައުއަށް ފައިދާހުރި ޒުވާނުން ނެރުމުގައި ބޮޑު ރޯލެއް އަދާކުރަމުންނެވެ.



