އދ. ދަނގެތީގައި އަންނަ އަހަރުގެ މާރިޗު މަހުގެ ކުރިން ޑޮލަރު އޭޓީއެމްއެއް ބަހައްޓަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އދ. އަތޮޅުގައި މީހުން ދިރިއުޅޭ 10 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، ދަނގެއްޗަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުހާތްބުކޮށް ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ރައީސް ވިދާޅުވީ ދަނގެއްޗަކީ ލޯކަލް ޓޫރިޒަމްއިން ރަނގަޅު އާމްދަނީއެއް ލިބޭ ރަށަކަށްވާއިރު، އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި (މާރިޗް މަހުގެ ކުރިން) އެ ރަށުގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓައިދޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ދަނގެތީގެ ތަރައްޤީއަށް ބޭނުންވާ ބައެއް މުހިންމު މަޝްރޫއުތައް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
އެގޮތުން ދަނގެތީގައި މިއަދު ސަރުކާރުން ވަނީ އަލަށް އަޅާ ފުލުހުންގެ މަރުކަޒުގެ ބިންގާއާއި ފިޓްނަސް ސެންޓަރުގެ ބިންގާވެސް އަޅާފައެވެ.




