މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ހުރިހާ ހިދުމަތެއް ލިބޭގޮތަށް ހަދަން މި ސަރުކާރުން މަސައްކަތް ކުރަނީ އެ ރަށްރަށުގައި ދިރިއުޅޭ މީހުން އަތޮޅުގެ ވެރިކަންކުރާ ރަށަށް ނުވަތަ މާލެއަށް ”އަޅުދާސްތުވެގެން“ ތިބެން ބޭނުން ނުވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އދ. އަތޮޅުގެ ރަށްތަކަށް އިއްޔެ ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މާމިގިއްޔަށް ރޭގައި ވަޑައިގެން ދެއްކއވި ވާހަކަފުޅުގެ ތެރެއިންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ރަށްރަށުގައި އޭޓީއެމް ބަަހައްޓާތީ އިދިކޮޅު ފަރާތްތަކުން ފާޑުވިދާޅުވާ ކަމަށެވެ. އެކަމަކު އޭޓީއެމް އަކީ ކިހާ ބުރަ ދަތުރެއްގެ ނިމުން ކަން އެ ރަށެއްގެ ރައްޔިތުންނަށް އިހްސާސްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
”އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް ވީހާވެސް ލުއި ވާނެ ގޮތަކަށް އަސާސީ ކަންކަން، އަޅުގަނޑު ގަބޫލުކުރަނީ އެއީ އަސާސީ ކަންކަން ކަމުގެ ގޮތުގައި، ގާއިމް ކޮށްދޭން. އަބަދު މާލެއަށް ނުވަތަ އެ އަތޮޅުގައި އޮތް ދުރު ރަށަކަށް ގޮސްގެން އެ އަޅުދާސްތުވުން، އެ ތަހައްމަލް ކުރަން ޖެހޭ ދަތިކަން އެއީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރަށްރަށުގައި ބަހައްޓާ އޭޓީއެމާއި އައިޑީކާޑާއި ޕާސްޕޯޓް ދޫކުރުން ފަދަ ހިދުމަތްތަކުގެ އިތުރުން އުމްރާނީ ތަރައްގީއަކީ އިންވެސްޓްމަންޓެއް ކަމަށް ރައީސް ވިދާޅުވިއެވެ.



