އދ. މާމިގިލީގެ ތަރައްގީއަށް ސަރުކާރުން އިތުރު ގިނަ މަޝްރޫއުތަކެއް ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ އދ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މާމިގިއްޔަަށް ވަޑައިގެން ރޭގައި އެރަށުގައި ވަނީ އިސްލާމިކް ޔުނިވާސިޓީ(އައިޔޫއެމް) ގެ ކެމްޕަހެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި އާރްޑީސީއާއެކު ސަރުކާރުން ސޮއި ކޮށްފައެވެ.
އެއަށްފަހު މިއަދު ހެނދުނު ވަނީ މާމިގިލީގައި އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލުގެ ބިންގާ ވެސް އަޅައިފައެވެ. އަދި އެ ރަށުގައި ވަނީ އެމްއެންޑީއެފް ފަޔާ ސްޓޭޝަނެއް ވެސް ހުޅުވައިފަ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާމިގިލީގެ ބްރާންޗު ވެސް ވަނީ އޭޓީއެމްގެ ހިދުމަތާ އެކު މިއަދު ހެނދުނު ހުޅުވައިފަ އެވެ.
މާމިގިލީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރޭގައި ދެއްކެވި ވާހަކަފުޅުގައި ރައީސްވަނީ އެރަށަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
އެއީ:
° ނުހެދި ގިނަ ދުވަސްވެ، މާމިގިލީގެ ޔައްޔިތުންނަށް ”ތުރާލަކަށް“ ވެފައިވާ ރަށުގެ މަގުތަކުގައި ތާރު އަޅައި މަގުތައް ހެދުމުގެ މަސައްކަތް ފެށުން.
° މާމިގިލީގެ ކުނި މެނޭޖު ކުރަން ވެމްކޯއާ ހަވާލުކުރުން.
° ޕަބްލިކް ވޯކްސްގެ ޔުނިޓެއް ގާއިމްކުރުން.
° ސްޕޯޓްސް ކޮމްޕްލެކްސްއެއް (މާލޭގެ ސޯޝަލް ސެންޓަރު ނަމޫނާއަކަށް ބަލައިގެން)
° މި މަސް ނިމުމުގެ ކުރިން މާމިގިލިން ޕާސްޕޯޓާއި އައިޑީކާޑު ލިބޭ ގޮތް ހެދުން.
މާމިގިލީގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް މުޢިއްޒު ވަނީ އެ މަނިކުފާނުގެ ވިސްނުންފުޅަކީ ހުރިހާ ހިދުމަތްތަކެއް ވެސް ރަށްރަށުގައި ތިބެގެން ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވިދާޅުވެފައެވެ.



