ކުޑަކުދިންތަކެއްގެ ފަރާތުން ނާޖާއިޒު ފައިދާ ހޯދިކަމުގެ ތުހުމަތުގައި މަޝްހޫރު ހޯސްޓު ނާފިއު ރަޝީދު (ނާއްޕެ) އާއި އިތުރު ތިން މީހަކު އިއްޔެ ހައްޔަރުކޮށްފިއެވެ.
އާންމުންގެ މެދުގައި ނާއްޕެ އެންމެ މަޝްހޫރުވެފައިވަނީ ކޮންމެ އަހަރަކު ގެނެސްދޭ ބައިބަލާ މުބާރާތުގެ ހޯސްޓުގެ ގޮތުގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ބުނީ ކުޑަކުދިންތަކެއް އެކްސްޕްލޮއިޓް ކުރުމުގެ ތުހުމަތުގައި އިއްޔެ ހެނދުނު މާލެއިން ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެގޮތުން މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. އެތުމާ / އަލީ އަޝްރަފް (35އ.)، ޕެރިސް ގދ. ވާދޫ / ލުހާން ސައީދު (41އ.)، ސިލްވަރސްޓާ ވ. ރަކީދޫ / ނާފިއު ރަޝީދު (39އ.) އަދި ހ. ފިނިކުރި އިބްރާހިމް ޝިނާން އަހްމަދު (33އ.) އެވެ.
މި ހަތަރު މީހުން ހައްޔަރު ކޮށްފައިވަނީ މާލޭ، ހެންވޭރުގައި ހުރި ގެއެއްގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް ކަމުގައި ފުލުހުން ބުނެފައިވެއެވެ. އަދި އެ އެޕާޓްމަންޓުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޕެކެޓެއްވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުންގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާއިން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި އަނިޔާ ލިބުނު ކުޑަކުދިންގެ ތެރޭގައި ހިމެނެނީ 17 އަހަރުގެ ދެ އަންހެން ކުދިންނާއި 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިންނެވެ.
މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އެމީހުން 3 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.




