ތައުލީމީ ގުޅުން އިތުރަށް ބަދަހިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ޖަޕާނާއެކު މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާ ކުރައްވާފައިވަނީ ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު، ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ މިއަދު ފަސްޓްލޭޑީގެ އަރިހަށް ކުރެއްވި ޒިޔާރަތުގައެވެ.
މި ޒިޔާރަތުގައި، ދެޤައުމުގެ މެދުގައި އޮތް ގާތް އަދި، ދެމިގެންދާ ގުޅުމުގެ މައްޗަށް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި، މިއަހަރަކީ ދެޤައުމުގެ ސިޔާސީ ގުޅުމަށް 58 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، މިގުޅުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް ދެބޭފުޅުންވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) މެދުވެރިކޮށް، ރާއްޖޭގައި ތަމްރީނާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި ތައުލީމީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ މައްޗަށް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
އަދި، މިހާރުވެސް ރާއްޖޭގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ ޖަޕާން އޯވަރސީސް ކޯޕަރޭޝަން ވޮލަންޓިއަރޒް (ޖޭއޯސީވީ) އިން ސްޕެޝަލައިޒްޑް އެޑިއުކޭޝަނާއި ފިޒިކަލް އެޑިއުކޭޝަންގެ ދާއިރާތަކުން މިހާރު ކުރަމުންދާ މަސައްކަތްތައް މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ.
އެގޮތުން، ޖަޕާނު ސަރުކާރުން މިފަދަ މަޝްރޫޢުތަކާއި، ރާއްޖޭގެ އުމްރާނީ، މުވާސަލާތީ، އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ސަފީރު، ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ، ވަނީ ރާއްޖޭގެ ތަރައްޤީގައި ޖަޕާނުން ބައިވެރިވަމުންދާނޭކަމުގެ ޔަޤީންކަން ތަކުރާރުކުރައްވައި، ތަޢުލީމާއި، އިޖްތިމާޢީ ދާއިރާތަކުން ފަސްޓްލޭޑީ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފުކުރައްވާފައެވެ.




