އދ. އޮމަދޫގައި ސިއްޙީ މަރުކަޒުގެ އާ އިމާރާތާއި ކައުންސިލްގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މި ދެ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ސިއްޙީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ. 27.2 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
މި އިމާރާތަކީ 16 އެނދުގެ ކެޕޭސިޓީ ހިމެނޭ، ޓްރައިއޭޖް ސަރަޙައްދަކާއި، އައިސޮލޭޝަން ކޮޓަރިއަކާއި، އަންހެނުންގެ ވޯޑަކާއި، ކުޑަކުދިންގެ ވޯޑަކާއި، ވިއްސާ ކޮޓަރިއަކާއި، ޕްރައިވެޓް ކޮޓަރި އަދި ފަރުވާދޭ ކޮޓަރިތައް ހިމެނޭ އިމާރާތެކެވެ.
ކައުންސިލްގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. މި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާއެވެ.
މި އިމާރާތަކީ ސަރުކާރުން 105 ރަށެއްގައި ކައުންސިލް އިމާރާތް އެޅުމަށް ފަށާފައިވާ މަޝްރޫޢުގެ ތެރެއިން އެޅޭ އިމާރާތެކެވެ.
1200 އެއްހާ މީހުން ދިރިއުޅޭ އޮމަދޫގައި މި ދެ އިމާރާތް ނިމުމުން، ރަށުގެ ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިވެ، ކައުންސިލްގެ އިދާރީ މަސައްކަތްތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތްތަކަށް އެކަށީގެންވާ ޖާގަ ލިބިގެންދާނެއެވެ.
ސިއްޙީ މަރުކަޒުގެ އިމާރާތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 1 އަހަރު ދުވަހުގެ ތެރޭގައެވެ.



