މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި) އިން ކުރިއަށްގެންދިޔަ ”ބީމް ޑިޖިޓަލް، ސޯޝަލް މީޑިއާ ސްޓްރެޓެޖީ އެންޑް ސްޓޯރީޓެލިން“ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
މިމަހުގެ 5 ވަނަ ދުވަހުން 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި 100 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވިއެވެ.
މީގެ ތެރޭގައި ސަރުކާރުގެ އެކި ވުޒާރާތަކާއި، ކުންފުނިތަކާއި، ކޯޓުތަކުގެ އިތުރުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ މުވައްޒަފުން ހިމެނެއެވެ.
ބީމްއަކީ މީޑިއާއާއި ބްރޯޑްކާސްޓިންގ ދާއިރާއަށް އަންނަމުންދާ ބަދަލުތަކަށް މުވައްޒަފުންގެ ޤާބިލުކަމާއި ހުނަރު އިތުރުކުރުމަށްޓަކައި އެމްއެމްއައި އިން ފަށާފައިވާ ޕްރޮގްރާމެކެވެ.
އެމްއެމްއައި އިން މިހާރުވެސް އަންނަނީ އެކިއެކި ދާއިރާއިން އިތުރު ކޯސްތަކާއި ތަމްރީން ޕްރޮގްރާމްތައް ހިންގަމުންނެވެ.



