ސިފައިންނާއި ފުލުހުންނާއި އަދި ކަސްޓަމްސްގެ އިސްވެރިންގެ މާލީ ބަޔާންތައް ވެސް ހާމަކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރްޒޫގް މިއަދު ވިދާޅުވެއްޖެއެވެ.
މިނިވަން މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވާފައެވެ. އެ އިސްލާހަށް އިއްޔެ މަޖިލީހުންވަނީ ތާއީދުކޮށް އެ އިސްލާހު ބަލައިވެސް ގަނެފައެވެ.
އެ އިސްލާހަށް ބަހުސްކުރެއްވުން މިއަދު ކުރިއަށްދިޔައިރު، ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު އަޒާން ވިދާޅުވީ ސިފައިންނާއި ފުލުހުންނާއި ކަސްޓަމްސްގެ އިސްވެރިންގެ މާލީ ބަޔާން ވެސް ހުށަހަޅަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
”މީގެ އިތުރުން އަޅުގަނޑުމެން އެބަޖެހޭ ދައުލަތުގެ އެކިއެކި ކުންފުނި އެސްއޯއީތަކުގެ އިސްވެރިން ވެސް އަދި ސިފައިންނާއި ފުލުހުންނާއި ކަސްޓަމްސް މި ފަދަ އެންމެހާ މުއައްސަސާތަކުގެ އިސްވެރިން ހަމަ މިގޮތަށް މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް ހަދަން“ ހިތަދޫ މެދު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
މީގެއިތުރުން އަޒާން ވިދާޅުވީ، އޭނާއަށް ފެންނަނީ ކޮންމެ ފަސް އަހަރު މަގާމުގައި ތިއްބަވާ ބޭފުޅުން މަގާމުން ވަކިވެވަޑައިގަންނަވާއިރު ބޮޑެތި މުއްސަނދިންނަށް ވެފައި ތިބޭ މަންޒަރު ކަމަށާއި އެކަން ހުއްޓުވަން އަޅަންޖެހޭ އެންމެ މުހިންމު އެއް ފިޔަވަޅަކީ އެ މީހުންގެ މާލީ ބަޔާންތައް ހާމަކުރަންޖެހޭ ގޮތް ހެދުން ކަމަށެވެ.



