ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. ކުނބުރުދޫއަށް މިއަދު ޒިޔާރަތްކޮށްފައިމިވަނީ، ރާއްޖޭގެ ރައީސަކު އެރަށަށް ވަޑައިނުގަންނަވާތާ 16 އަހަރު ފަހުންނެވެ.
އާބާދީގައި 630 މީހުން ރިކޯޑު ކުރެވިފައިވާ މިރަށަށް އެންމެ ފަހުން ރައީސަކު ވަޑައިގެންނެވީ 2009 ވަނަ އަހަރުގައެވެ. އެއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.
އދ. އަތޮޅުގެ ރަށްތަކަށް ރައީސް މުޢިއްޒު މިދިޔަ ހޯމަ ދުވަހު ފެއްޓެވި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ކުނބުރުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ސަރުކާރުގެ ފަރާތުން ވަޑައިގެންނެވި ވަފުދާ ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތުވެސް ދެއްވާފައެވެ.
އެ ފުރުސަތުގައި ފުރަތަމަ ވާހަކަ ދެއްކެވީ ކައުންސިލް ރައީސް މުހައްމަދު ޔަޒްމީ އެވެ.
އޭނާ ވިދާޅުވީ 2009 ވަނަ އަހަރު ފަހުން ތިން ވެރިކަމެއް ބަދަލުވި އިރު، ވެސް އެ ރަށަށް ރައީސަކު ވަޑައިނުގަންނަވާ ކަމަށެވެ. އޭގެ އަހަރުތަކެއް ފަހުން ރައީސް މުއިއްޒު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ އެ ރަށަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
”ރައީސް ކަމުގައި ހުންނަވައި، މި ރަށަށް ވެރިއަކު ވަޑައިނުގަންނަވާތާ 16 އަހަރަށްފަހު ރައީސަކު ކުނބުރުދޫއަށް މި ވަޑައިގެންނެވީ،“ ޔަޒްމީ ވިދާޅުވިއެވެ.
ރައީސްގެ ބައްދަލުވުމުގައި ރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން ވަނީ ހުށަހަޅައިފަ އެވެ.



