އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބެލުމަށް އެ ސިޓީގައި ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު މި ހިނގާ އޮކްޓޯބަރު މަހުގެ 25 ގައި ނަގަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އެގޮތުން އީސީން ބުނީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމުގެ އިއުލާނާ އެކު އާންމުކޮށްފައިވާ ރައީސްގެ ގަރާރުގައި ހިމަނުއްވާފައިވާ ސުވާލުތަކާ މެދު ހުޅުދު އާއި މީދު އާއި ފޭދޫ ރައްޔިތުން ދެކޭ ގޮތް ބެލުމަށް، ބާއްވަން ޖެހޭ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން އޮންނާނީ މިމަހުގެ 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށެެވެ.
ވޯޓު ނަގައި ނިމޭތާ 30 މިނެޓު ފަހުން ވޯޓު ގުނަން ފަށާނެ ކަމަށާއި ނަމަވެސް ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނުކުރާނީ އާދިއްތަ ދުވަހު ކަމަށް ވެސް އީސީން ބުންޏެެވެ.
އެ ވޯޓުގައި އަހާނީ އައްޑޫގައި ވަކިވަކި ކައުންސިލެއް އޮންނަން ބޭނުންތޯ ނުވަތަ މިހާރުގެ ގޮތަށް އައްޑޫ ސިޓީ ކައުންސިލް ގޮތަށް ކުރިއަށް ގެންދާނީތޯ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. އަދި މިކަމުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.



