ޑްރަގް މައްސަލައިގައި ރޭގައި ހައްޔަރުކުރި އެޓާނީ ޖެނެރަލް އޮފީހުގެ އިސް ވަކީލު އަދި ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒް ދޫކޮށްލައި، މި މައްސަލައިގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ އަޒުހަދު ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އެ ދެ މީހުން ހައްޔަރުކުރީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި، އެ މީހުންގެ އެޕާޓްމަންޓުންނެވެ.
މި މައްސަލައިގައި ފައެނާ ހައްޔަރުކުރި ނަމަވެސް އޭނާ އަތުން މަސްތުވާތަކެތި ފެނިފައިނުވާ ކަމަށް އެނގިފައިވެއެވެ.
ހުޅުމާލޭގައި ހުންނަ އެ އެޕާޓްމަންޓް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަން އެނގިފައިވެއެވެ.
މި މައްސަލައާ ބެހޭގޮތުން ފުލުހުން ވިދާޅުވެފައިވަނީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ފުލުހުން ރޭގައި ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން ފައެނާ ދޫކޮށްލީ، އެޕާޓްމަންޓުން ފެނުނު ތަކެއްޗަށް އަޒުހަދު ޒިންމާ ނެގުމުންކަން އެނގިފައިވެއެވެ.



