ރާއްޖޭގެ ރައީސަކު އދ. މަންދޫއަށް ވަޑައިނުގަންނަވާތާ ދިގު 40 އަހަރު ފަހުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެ ރަށަށް ވަޑައިގަންނަވައިފިއެވެ.
އާބާދީގައި މިހާރު 510 މީހުން ހިމެނޭ މަންދޫއަށް އެންމެ ފަހުން ރައީސަކު ވަޑައިގެންފައިވަނީ 1985 ވަނަ އަހަރުގައިކަން ރިކޯޑުތަކުން ހާމަވެއެވެ. އެއީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އެވެ.
އޭގެ ފަހުން ރައީސް މުޙައްމަދު ނަޝީދުގެ ކުރު 3 އަހަރުގެ ވެރިކަން ނިމި، ރައީސް މުޙައްމަދު ވަހީދު ހަސަން މަނިކުގެ ދޮޅު އަހަރުގެ ވެރިކަމާއި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ 5 އަހަރުގެ ވެރިކަމާއި ވެރިކަމާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ 5 އަހަރުގެ ވެރިކަން ވެސް ވަނީ ނިމިފައެވެ. ނަމަވެސް މީގެން އެއްވެސް ރައީސަކަށް އދ. މަންދޫއަށް ރަސްމީ ދަތުރުފުޅެއްގައި ޒިޔާރަތްކޮށް އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ހަނދުމަފުޅުވެފައެއް ނުވެއެވެ.
ރައީސް މުޢިއްޒު އދ. އަތޮޅުގެ ރަށްތަކަށް މިދިޔަ ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި މަންދޫއަށް މިއަދު ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެެވެ.
އެހެން ރަށްތަކަށް ވަޑައިގެން ވެސް އަމަލު ކުރެއްވި ފަދައިން ރައީސް މުޢިއްޒު ވަނީ އެ ދަތުރުފުޅުގައި މަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި އެ ރަށުގެ ރައްޔިތުންނާ ވެސް ރައީސް މުޢިއްޒު ބައްދަލުކުރެއްވިއެވެ.
ރައީސް މުޢިއްޒު ވަނީ މިއަދު މަންދޫއަށް ވަޑައިގެން އެރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ހިދުމަތް ރަސްމީކޮށް ފައްޓަވާދެއްވާފައެވެ. އަދި އެރަށުގެ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތާއި ފިޓްނެސް ސެންޓަރުގެ އަމަލީ މަސައްކަތް ވެސް މި ދަތުރުފުޅުގައި ސަރުކާރުން ވަނީ ފަށާފައެވެ.



