ކޮވިޑް-19ގެ ދުވަސްވަރު ރާއްޖެއަށް ގެންނަން ފައިސާދެއްކި، އެހެންނަމަވެސް ގެނެސްފައިނުވާ ވެންޓިލޭޓަރުތަކުގެ މައްސަލައަކީ އިދިކޮޅު އެމްޑީޕީ ސަރުކާރުން ހިންގާފައިވާ ބޮޑެތި ވައްކަމާއި ކޮރަޕްޝަންތަކުގެ ރީތި މިސާލެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި، ވެންޓިލޭޓަރުތައް ގެންނަން 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 2 ވަނަ ދުވަހު ހެލްތު މިނިސްޓްރީން އެއްބަސްވުން ހަދާފައިވަނީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާ އެކުގައެވެ.
އެގްޒެކިއުޓާސް ކުންފުންޏާއެކު 75 ވެންޓިލޭޓަރު ގެންނަން އެއްބަސްވިނަމަވެސް، އެ ކުންފުނިން ފޮނުވާފައިވަނީ 10 ވެންޓިލޭޓަރެވެ. އަދި އެ ކުންފުންޏަށް ދައްކަންޖެހޭ 34 މިލިއަން ރުފިޔާގެ ތެރެއިން 30 މިލިއަން ރުފިޔާ އެޑްވާންސްކޮށް ވެސް ވަނީ ނަގާފައެވެ.
މި މައްސަލައާ ގުޅިގެން ރާއްޖެއަށް 34.5 މިލިއަން ރުފިޔާ ދައްކަން މޯލްޑިވިސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން ވަނީ އެ ކުންފުންޏަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އަންގާފައެވެ.
އެ ފައިސާ ހޯދުމަށް ދުބާއީގެ ކޯޓުތަކަށް ވެސް ހުށަހަޅާނެ ކަމަށް އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވަނީ މިދިޔަ އަހަރުގެ މާރިޗް މަހު ވިދާޅުވެފައެވެ.
އެނގިފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ދުބާއީގެ ކޯޓަކުން ވަނީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ދިވެހި ސަރުކާރަށް 8.9 މިލިއަން ދިރުހަމް (37 މިލިއަން ރުފިޔާ) ދައްކަން އަމުރުކޮށްފައެވެ.
ވެންޓިލޭޓަރު މައްސަލަ މިހާރު އަނެއްކާވެސް ފެންމަތިވެފައިވާއިރު އިއްޔެ ސޯޝަލް މީޑިއާގައި އިންތި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ މައްސަލައަކީ އޮޑިޓާ ޖެނެރަލްގެ ރިޕޯޓުންނާއި ކްރިމިނަލް އިންވެސްޓިގޭޝަންތަކުން ދާދިފަހުން ކޮރަޕްޝަންގެ މައްސަލަތަކެއް ހާމަވެފައިވާ ކުރީގެ ސަރުކާރަކުން ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންތަކުގެ ރީތި މިސާލެއް ކަމަށެވެ.
މި މައްސަލައިގައި ދާދިފަހުން ދުބާއީ ކޯޓުން ކޮށްފައިމިވާ ހުކުމުންވެސް އެކަން ސާބިތުވާކަމަށް ވެސް އިންތި ވިދާޅުވެފައިވެއެވެ.




