މީހަކު ރަހީނުކޮށް، ބަރަހަނާކޮށް، ބިރުދައްކައިގެން ފައިސާތަކެއް ފޭރިގަތް މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
އެމީހުން ހައްޔަރު ކޮށްފައިވަނީ މީހަކު ރަހީނުކުރުމަށްފަހު ތޫނު ހަތިޔާރު ބޭނުންކޮށްގެން އެމީހާއަށް ބިރުދައްކައިގެން ފައިސާތަކެއް ހޯދާފައިވާ މައްސަލައަކާ ގުޅިގެންނެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 1 ދުވަހުގެރޭގެ ވަގުތެއްގައި ހުޅުމާލޭ ގެއެއްގެ ތެރޭގައި މީހަކު ރަހީނުކުރުމަށްފަހު ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި މާރާމާރީ ހިންގައި، އޭނާ ބަރަހަނާކޮށް، ފޮޓޯ އާއި ވީޑިއޯ ނަގައި ފޯނާއި ފައިސާ ހޯދުމަށްފަހު އިތުރަށް ފައިސާ ހޯދަން އުޅޭ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ފިއްލަދޫ / ސީރީންމަންޒިލް، މުޙައްމަދު ޟަމީރު (29އ) އާއި ގދ. ނަޑެއްލާ / ހިތަށްފިނިވާގެ، ޝަހުމީން ރަޝީދު (27އ) އެވެ.
ކޯޓު އަމުރެއްގެ ދަށުން އެ ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ އޮކްޓޯބަރު 4 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލެއިންނެވެ.
މިމައްސަލައާ ގުޅިގެން އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަހުމީން ރަޝީދު ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މުޙައްމަދު ޟަމީރުއަށް ވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



