ސްކޭމުތަކުގައި ގެއްލުނު 200،000 ރުފިޔާ އަށްވުރެ ގިނަ ފައިސާ ފުލުހުން ހޯދައިފިއެވެ.
ފުލުހުން ސޯޝަލް މީޑިއާ މެދުވެރިކޮށް މިއަދު ބުނީ ފާއިތުވި ހަފްތާގެ ތެރޭގައި ސްކޭމުތަކުގައި 300،000 ރުފިޔާ އަށްވުރެ ގިނަ ފައިސާ ގެއްލިގެން ފުލުހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
މިދިޔަ މަހުގެ 28 އިން މި މަހުގެ 4އެއްގެ ނިޔަލަށް ސްކޭމުގެ 42 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން މި މައްސަލަތަކުގައި ޖުމްލަ 318،342.50 ރުފިޔާ ގެއްލިފައިވެއެވެ. އޭގެ ތެރެއިން 221،243.33 ރުފިޔާ ފުލުހުން މިހާރު ވަނީ އަނބުރާ ހޯދާފައެވެ.
ފުލުހުން ބުނީ އެންމެ ގިނައިން ހުށަހަޅާފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި ސްކޭމުގެ މައްސަލަތައް ކަމަށެވެ.
ހިސާބުތަކަށް ބަލާއިރު އެފަދަ 19 މައްސަލައެއް މިދިޔަ ހަފްތާ ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
މީގެއިތުރުން ހިމެނެނީ އިމްޕާސަނޭޝަންގެ 7 މައްސަލައާއި، ބޭރު ފައިސާ މާރު ކުރުމާ ގުޅުންހުރި 6 މައްސަލައާއި، ފިޝިން، ވިޝިން، ޖޮބް ސްކޭމްގެ 3 މައްސަލަ އަދި އެހެނިހެން 7 މައްސަލައެވެ.




