ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިޒުގެ ވަޢުދާ އެއްގޮތަށް، ސަރުކާރުގެ ޚަރަދުގައި އަންނަ އަހަރު ޙައްޖަށް ފޮނުވާ 50 ޙައްޖުވެރިން ހޮވައިފިއެވެ. އެގޮތުން މިއަހަރުވެސް އެފުރުސަތު ލިބޭ މީހުން ހޮވާފައިވަނީ ގުރުއަތުންނެވެ.
ރިޔާސީ ދައުރުގެ ތެރޭގައި ޖުމްލަ 1000 ފަގީރުން ޙައްޖަށް ފޮނުވުމަކީ ރައީސް މުޢިއަޒުގެ ރިޔާސީ ވަޢުދެކެވެ. އެ ވަޢުދުގެ ދަށުން އެންމެ ފުރަތަމަ ފަގީރުން ޙައްޖަށް ފޮނުވަން ފެށީ 1445 ވަނަ އަހަރުއެވެ.
ރައީސްގެ ރިޔާސީ ވަޢުދުގެ ދަށުން 1445 ވަނަ އަހަރާއި 1446 ވަނަ އަހަރު ޙައްޖު މޫސުމުގައިވެސް 50 ފަޤީރުން ޙައްޖަށް ފޮނުވާފައިވެއެވެ.
މިއަހަރު ޙައްޖަށް ފޮނުވާ ފަގީރުން ހޮވުމަށް މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ހަފްލާގައި، ގުރުއަތު ނަގާފައިވަނީ 1447 ވަނަ އަހަރު ސަރުކާރުގެ އެހީގައި ޙައްޖަށް ފޮނުވާ 50 ފަގީރުންނާއި، އެއްވެސް ޙާލަތެއް ދިމާވެގެން މީހަކު އުނިވެއްޖެނަމަ، ފުރުސަތުދޭނެ 25 މީހުންނެވެ.
ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ދާނެ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަޤީރުންގެ ދަފްތަރަށް ބަލައިގެންނެވެ. މި ދަފްތަރަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޒަކާތު ހައުސްއިން ރިވިއުކޮށްފައިވާ ދަފްތަރެކެވެ.
ފަޤީރުންގެ ލިސްޓުގައި މިވަގުތު ފަރުޟު ޙައްޖު އަދާނުކޮށް ތިބީ 376 މީހުންނެވެ. ރައީސް މުޢިއްޒުގެ މި ދަޢުރުގެ ތެރޭގައި ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރުޟު ޙައްޖު ނުކުރާ އެންމެން ޙައްޖަށް ފޮނުވައި ނިމޭނެއެވެ.
ރިޔާސީ ފުރަތަމަ ދައުރުގައި 1000 ފަޤީރުން ޙައްޖަށް ފޮނުއްވާނޭކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ 18 އޮގަސްޓް 2023 ވަނަ ދުވަހުގެރޭ، ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގެ ކެމްޕޭނުގައި، މ. މުލަކު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ވަޢުދުގެ ދަށުން މިހާތަނަށް 100 ފަޤީރުން ވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ.



