ހަނިމާދޫގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ނިންމައި، އަންނަމަހުގެ 9ގައި ރަސްމީކޮށް ހުޅުވާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢުއަކީ މުޅިން އައު މަޝްރޫޢެއްގެގޮތުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ އެމްޑީ ޝަރީފު ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ހުޅުވުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންއަންނަ ކަމަށެވެ. އެގޮތުން އައު ޓަރމިނަލަށް ޚިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް މިމަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ޝަރީފު ވިދާޅުވިއެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގެ އައު ޓަރމިނަލަށް ޚިދުމަތްތައް ބަދަލުކޮށް ބައު ޓަރމިނަލް ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ. ރަސްމީކޮށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 9ގައިކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.
”އަންނަމަހު 9ގައި ހުޅުވުމަށް މިދަނީ ތައްޔާރުވަމުން. މިހާރު ޖެޓީގެ މަސައްކަތާއި އެއަރޕޯޓުގެ ފިނިޝިންގެ މަސައްކަތް ދަނީ ކުރަމުން“ ޝަރީފް ވިދާޅުވިއެވެ.
މިމަޝްރޫޢު ނިމުމުން، ހަނިމާދޫ އެއަރޕޯޓުން އޭ320 އަދި ބޮއިންގ 737 މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. އަދި އެ އެއަރޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ޕާކުކޮށްފައި ބޭއްވޭނެ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. އެގޮތުން އެއަރބަސްގެ 3 ބޯޓާއި އޭޓީއާރްގެ 6 މަތިންދާ ބޯޓް އެއްފަހަރާ ޕާކުކުރެވޭނެއެވެ.




