ކޮރަޕްޝަންގެ ތުހުމަތުގައި އިދިކޮޅު އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއިލް، އެންޓި ކޮރަޕްޝަން ކޯޕަރޭޝަން (އޭސީސީ) އަށް ހާޒިރުކުރުމަށް މިއަދު ޗިޓު ފޮނުވައިފިއެވެ.
އެ ޗިޓުގައި ވަނީ، ފައްޔާޒް އޭސީސީއަށް ހާޒިރުކުރަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެންނުވާ ބަދަލެއް ދިނުމަށް 2019ގައި އޮލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމުމުގައި ފައްޔާޒް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކޮށްފައެވެ.
އޭގެ އިތުރަށް، ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބެންނުޖެހޭ މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި މަސައްކަތްކުރުމުގެ އިތުރުން ފައްޔާޒްގެ އެ އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާ ކަމަށް ވެސް އޭސީސީން ވަނީ ތުހުމަތު ކޮށްފައެވެ. ސްވިފްޓް އިންޖިނިއަރިން ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
ފައްޔާޒް އޭސީސީއަށް ހާޒިރުވުމަށް އަންގާފައިވަނީ، އަންނަ ހޯމަ ދުވަހު ހެނދުނު 09:30 އަށް އެ ކޮމިޝަން ހިންގާ މ. ފިނިވަރު، ހަތްވަނަ ފަންގިފިލާއަށެވެ.
މިކަމާ ގުޅޭގޮތުން ފައްޔާޒު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައެއް ނޯންނާނެ ކަމަށެވެ.




