ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަހުމަދު ތޯރިގު، ފީފާގެ ސްޓޭންޑިން ކޮމިޓީއަކަށް އައްޔަންކޮށްފިއެވެ.
އެ ކޮމިޓީއަށް ތޯރިގު އައްޔަންކުރަން ނިންމީ، މި މަހުގެ 2 ވަނަ ދުވަހު އޮތް ފީފާ ކައުންސިލް ބައްދަލުވުމުގައެވެ.
މިއީ ފީފާގެ ސްޓޭންޑިން ކޮމިޓީއަކަށް ދިވެއްސަކު އައްޔަންކުރި ފުރަތަމަ ފަހަރު ކަމަށް، އެފްއޭއެމްއިން ބުންޏެވެ.
ކުރީގެ ގައުމީ ޓީމުގެ ފޯވަޑް އަދި މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ތޯރިގު އެފްއޭއެމްގެ ރައީސްގެ މަގާމަށް އިންތިހާބުކުރީ 26 ޖުލައިގައި އޮތް ކޮންގްރެސްގައެވެ. އެއީ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދެ ދައުރުގެ މުއްދަތު ހަމަވެ، އާ އިންތިހާބު ބާއްވަން އޭރުގެ މެނޭޖްމަންޓުން ގަވާއިދާ ހިލާފަށް ކުރި ކަންކަން ފީފާ އާއި އޭއެފްސީން ހުއްޓުވައި، އާ އިންތިހާބަކަށް ދެވުނީ ދޮޅު އަހަރެއްހާ ދުވަހުގެ ހުސްކަަމަކަށް ފަހުއެވެ.



