ބޭރު ފައިސާ މާރުކުރާ ވިޔަފާރިތަކުން މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ލައިސަންސަށް އެދޭއިރު ހުށަހަޅާ އެޕްލިކޭޝަން ފީއާއި އަހަރީ ފީ ބޮޑުކޮށް، ފައިސާ ބަދަލުކުރުމާ ބެހޭ ގަވައިދު އިސްލާހުކޮށްފިއެވެ.
ފައިސާ ބަދަލުކުރުމުގެ ވިޔަފާރިއަށް ދެ ލައިސަންސެއް އެމްއެމްއޭއިން ދޫކުރެއެވެ. އެއީ ”ޓިއަރ ވަން“ އާއި ”ޓިއަރ ޓޫ“ ލައިސަންސެވެ.
އޭގެ ތެރެއިން ޓިއަރ ވަން ލައިސަންސަކީ ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުމަށް ދޫކުރާ ލައިސަންސެވެ. އަދި ޓިއަރ ޓޫއަކީ ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި އެކަނި ކުރުމަށް އެމްއެމްއޭއިން ދޫކުރާ ލައިސަންސެވެ.
މިހާރު އެ ގަވައިދަށް ގެނައި އިސްލާހުގައި ވަނީ ޓިއަރ ވަންގެ ދަށުން ދެ ކެޓަގަރީގެ ވިޔަފާރި ކުރެވޭނެ ކަމަށް ބުނެފައެވެ.
އެއީ:
° ކެޓަގަރީ އޭ: އާންމުންނަށާއި ވިޔަފާރިތަކަށާއި އެހެންވެސް ފަރާތްތަކަށް އަމާޒުކޮށްގެން ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުން
° ކެޓަގަރީ ބީ: ވިޔަފާރިތަކަށް އެކަނި އަމާޒުކޮށްގެން ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުން
މީގެއިތުރުން ޓިއަރ ވަން ލައިސަންސް ދޫކުރާއިރު އެ ލައިސަންސުގެ ދަށުން ބޭނުންވާ ކެޓަގަރީ އިޚުތިޔާރުކުރުމުން، ލައިސަންސްގައި އެކަން ބަޔާންކޮށްފައި އޮންނާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.
ޓިއަރ ވަން ލައިސަންސަށް ހުށަހަޅާއިރު އެޕްލިކޭޝަން ފީގެ ގޮތުގައި 40،000 ރުފިޔާ، އެމްއެމްއޭއިން އަންގާ މުއްދަތެއްގެ ތެރޭގައި ދައްކަން ވާނެ ކަމަށް އިސްލާހުގައި ވެއެވެ. މިއީ ލައިސަންސް ދޫކުރިޔަސް ދޫނުކުރިޔަސް އަނބުރާ ނުލިބޭނެ ފީއެކެވެ. އަދި އެ ލައިސަންސް އައު ކުރުމަށް އެދި ހުށަހަޅާއިރު، އަނބުރާ ނުލިބޭ ގޮތަށް 20،000 ރުފިޔާ ދައްކަން ޖެހެއެވެ. މީގެ ކުރިން ޓިއާ ވަން ލައިސަންސްގެ އެޕްލިކޭޝަން ފީއަކީ 20،000 ރުފިޔާއެވެ. އަދި ލައިސަންސް އައުކުރަން ދައްކަން ޖެހެނީ 10،000 ރުފިޔާއެވެ.
މީގެއިތުރުން އެ އިސްލާހުގައި ވަނީ ޓިއާ ވަން ލައިސަންސް ލިބިފައިވާ ފަރާތްތަކުން އަހަރީ ފީގެ ގޮތުގައި 48،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ބަޔާންކޮށްފައެވެ. މީގެ ކުރިން އެ އަދަދު ހުރީ 24،000 ރުފިޔާގައެވެ.
ޓިއަރ ޓޫ ލައިސަންސަށް އެދި ހުށަހަޅާއިރު، އެޕްލިކޭޝަން ފީގެ ގޮތުގައި 2،600 ޑޮލަރު ދެއްކުމަށް ވެސް އިސްލާހުގައިވެއެވެ. އަދި ލައިސަންސް އައު ކުރުމަށް 1،300 ޑޮލަރު ދައްކަން ޖެހެއެވެ. އެއީ ވެސް ކުރިއާ އަޅައިބަލާއިރު ދެ ގުނަ އިތުރު އަދަދެކެވެ. މީގެ ކުރިން އެޕްލިކޭޝަން ފީއަކީ 1،300 ޑޮލަރު ކަމަށްވާއިރު، އައު ކުރުމަށް ދައްކަން ޖެހެނީ 650 ޑޮލަރެވެ.
ޓިއަރ ޓޫގެ އަހަރީ ފީ ވެސް، ކުރިން ދައްކަމުން އައި 1،800 ޑޮލަރަށް ވުރެ ބޮޑުކޮށް، މިހާރު ވަނީ 3،600 ޑޮލަރަށް ބޮޑުކޮށްފައެވެ.
ހަމައެއާއެކު ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް، ހުރިހާ ވަގުތެއްގައި ވެސް 50،000 ޑޮލަރު ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި އޮތޯރިޓީގައި ބަހައްޓަންވާނެ ކަމަށް ކުރިން އޮތް ނަމަވެސް، މިހާރު އެ އަދަދު ވަނީ އެއް ލައްކައަށް ބޮޑުކޮށްފައެވެ.
އެ އިސްލާހުގައި، ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ޚިދުމަތް ދިނުމަށް ޚާއްސަކޮށްފައިވާ ތަނުގައި ހުންނަން ޖެހޭ މިންގަނޑުތައް ވެސް ހިމަނައިފައިވެއެވެ. އެގޮތުން ހިމެނޭ ބައެއް ކަންތައްތަކުގެ ތެރޭގައި:
° އާންމުންނަށް ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ޚިދުމަތް ދިނުމަށް ޚާއްސަކޮށްފައިވާ ތަނުގައި، ބޭރު ފައިސާ ގަނެވިއްކާ ރޭޓު، ޑިޖިޓަލް ބޯޑަކުން ފެންނަން ހުންނަ ގޮތް ހަމަޖެއްސުން
° ނަގުދު ފައިސާ ރައްކާކޮށްފައި ބަހައްޓަންވާނީ އެކަމަށް އެކަށޭނަ ރައްކާތެރި އަދި ސަލާމަތްތެރި ގޮތެއްގައި
° މުޅި ތަން ރެކޯޑުކުރެވޭ ފަދައިން ސީސީޓީވީ ކެމެރާ ބަހައްޓާފައި ހުންނަންވާނެ އަދި ހުރިހާ ވަގުތެއްގައި ވެސް ސީސީޓީވީ މަސައްކަތް ކުރާކަން ކަށަވަރުކުރަން ވާނެ



