ކޮރަޕްޝަންގެ ތުހުމަތުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއިލް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން މިއަދު ޗިޓު ފޮނުވާފައި އޮއްވާ، އެ ޕާޓީއަށް ނިސްބަތްވާ ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އާމިރު ވެސް ހާޒިރުވާން އަންގައިފިއެވެ.
އަންނަ ހޯމަ ދުވަހު ހެނދުނު 9:30 ގައި އޭސީސީއަށް ހާޒިރުވާން ފައްޔާޒުއަށް އަންގާފައިވާކަން އޭނާވަނީ ”އެކްސް“ ގައި ހާމަކުރައްވާފައެވެ. އެއީ މިނިސްޓަރުކަމުގައި ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު ސައުދުﷲ ހިލްމީގެ ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލު ދިނުމާ ގުޅޭ ގޮތުން ކުރެވޭ ތުހުމަތުތަކެއްގައި ކަމަށް ޗިޓުގައި ބުނެފައިވެއެވެ.
ކުރީގެ މިނިސްޓަރު އަމީރު ވިދާޅުވީ އޭނާ އާދިއްތަ ދުވަހު މެންދުރުފަހު 2:30 ގައި އޭސީސީއަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފައިވާ ކަމަށެވެ.
އަމީރު ހާޒިރުކުރާ މައްސަލައާ ގުޅޭ ތަފުސީލެއް ނުދެއްވި ނަމަވެސް އޭނާ ވިދާޅުވީ، 2019އިން 2023އަށް ފިނޭންސް މިނިސްޓަރު ކަމުގައި މަސައްކަތްކޮށްފައި ވާނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށެވެ. އަދި ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށް ދައުލަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.




