ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ)ގެ އޭޝިއާ ރީޖަންގެ ރިޔާސަތު ބަލަހައްޓަން ދިވެހިރާއްޖެ ހޮވިއްޖެއެވެ.
ރާއްޖެ ހޮވިފައިމިވަނީ ކުރިއަށް އޮތް ތިން އަހަރުގެ ދައުރަކަށެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ މި މަގާމަށް ރާއްޖެ ހޮވާފައިވަނީ ބާބަޑޯސްގައި އިއްޔެ ބޭއްވި ސީޕީއޭ އޭޝިއާ ރީޖަންގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ކަމަށެވެ.
ރާއްޖޭގެ ފަރާތުން މި މަގާމު އަދާކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމެވެ.
މި ދައުރު ނިމޭނީ 71 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސް (ސީޕީސީ)ގައެވެ.
މަޖިލީހުން ބުނީ، ރާއްޖެއަށް މި މަގާމު ލިބުމަކީ، ކޮމަންވެލްތުގެ ޕާލިމެންޓަރީ މުޖުތަމަޢުގައި ރާއްޖެ އަދާކުރަމުންދާ ހަރުދަނާ ދައުރާއި، އޭޝިއާ ސަރަޙައްދުގައި ސީޕީއޭގެ މަޤްޞަދުތައް ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގެ ހަރުދަނާކަމުގެ ހެއްކެއް ކަމަށެވެ.
މި މަގާމު ރާއްޖެއަށް ލިބިފައިވަނީ ސްރީލަންކާގެ ދައުރު ނިމުމާ ގުޅިގެންނެވެ. ސީޕީއޭގެ ހިންގާ ގަވާއިދުގެ ދަށުން މި ދައުރުގެ ޗެއާކަން ލިބެން އޮތީ އޮތީ ބަންގްލަދޭޝަށެވެ.




