ރާއްޖޭގެ އެކިކަންކޮޅުތަކުން 210 ޕްރިންސިޕަލުންނާއެކު، މިއަހަރުގެ ”ޕްރިންސިޕަލުންގެ ކޮންފަރެންސް“ ފަށައިފިއެވެ.
މިއަދާއި މާދަމާގެ ނިޔަލަށް ކުރިޔަށްގެންދާ މި ކޮންފަރެންސް ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މިއަދު ހެނދުނު ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މީގެ ކުރިން ޕްރިންސިޕަލުންގެ ކޮންފަރެންސް ބާއްވާފައިވަނީ ޓީޗަރުންގެ ބައިވެރިވުމަކާ ނުލައި ކަމަށެވެ. ނަމަވެސް މި ފަހަރުގެ ކޮންފަރެންސް ބާއްވާފައި ވަނީ ޕޮލިސީ ކަރުދާސްތައް ފޮނުވައި ފުޅާ ދާއިރާއެއްގައި ޕްރިންސިޕަލުންނާއި ޓީޗަރުން މަޝްވަރާކޮށް އެ ބޭފުޅުންގެ ރެކަމަންޑޭޝަންތައް ހިފައިގެން އައިސް ކޮންފަރެންސްގައި މަޝްވަރާ ކުރާ ގޮތަށް ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.
”ޓީޗަރުންނަށް ދިމާވާ ދަތިތައް، އެއީ ކްލާސްރޫމުގައި ކަމުގައި ވިޔަސް މެ، ކޮމިޔުނިޓީ ލެވެލްގައި ކަމުގައި ވިޔަސް، ކަރިކިޔުލަމް އިމްޕްލިމެންޓޭޝަން ލެވެލްގައި ކަމުގައި ވިޔަސް އަދި އެއީ ސީދާ ކްލާސް ރޫމުގައި ކިޔަވައިދނުމަށް ހުރި ދަތިތައް ކަމުގައި ވިޔަސް މެ، މި ކަންތައްތަކަށް މަޝްވަރާ ކުރެވިގެން އެ ބޭފުޅުންގެ (ޓީޗަރުންގެ) ރިކޮމެންޑޭޝަންތަކަށް، މި ކޮންފަރެންސް ކުރިއަށް ދާނީ،“ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.




