ޤަވާއިދާ ޚިލާފަށް މާލޭގައި ވިޔަފާރިކުރަމުން ދިޔަ 9 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި، ގަވާއިދާ ހިލާފަށް ވިޔަފާރިތައް ހިންގާ އެފަދަ ތަންތަނުގައި މަސައްކަތްކުރާ ކަމަށް ފާހަގަކުރެވިފައިވާ ބިދޭސީން އުޅޭ މާލޭގެ ރޯޝަނީ މަގާއި އެ މަގާއި ގުޅިފައިވާ ގޯޅިތަކަށް އަމާޒުކޮށް އިއްޔެ ޓާސްކްފޯސްއިން ވަނީ ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.
އިމިގްރޭޝަނުން ބުނީ، މި އޮޕަރޭޝަނުގައި އިމިގްރޭޝަނުން 104 ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 9 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ކުރިއަށްގެންދާ މިފަދަ އޮޕަރޭޝަންތަކުގެ މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމެވެ.
އަދި އާންމު ސިއްހަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަކީވެސް އޮޕަރޭޝަންތަކުގެ މަގުސަދެއްކަމަށް އިމިގްރޭޝަނުން ބުންޏެވެ.



