ރާއްޖޭގެ ތިން ފިލްމީތަރިން ހިމެނޭހެން މަސްތުވާތަކެއްވާއެކު ވިލިމާލެއިން ހައްޔަރުކުރި 4 މީހުން ވެސް ބަންދުން ދޫކޮށްލައިފިއެވެ.
ފުލުހުން ވިލިމާލޭގައި ކުރިއަށްގެންދިޔަ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ތިން ފިލްމީތަރިން ހިމެނޭހެން 4 ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސް ކުރުމުގެ މަސައްކަތް ކޮށްފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ފިލްމީތަރިން ކަމަށްވާ އަހުމަދު އަޒްމީލް (އަޒޭ)، އިސްމާއިލް ޖުމައިހް (ޖުމާ) އަދި މުޙައްމަދު ވިޝާލް (ރޯމަން) އެވެ. އެމީހުންގެ އިތުރުން އަޒޭގެ ކޮއްކޮ މުޙައްމަދު ޝާހިލް ވެސް ހައްޔަރު ކުރިއެވެ.
”ސައުވީސް“ އަށް މައުލޫމާތު ލިބުނު ގޮތުގައި އެމީހުން މިހާރު ވަނީ ދޫކޮށްލާފައެވެ. އަދި އަޒޭ، ޖުމާ އަދި ރޯމަން މިވަގުތު ހުރީ މާލޭގެ ”ނުފޫޒުގަދަ“ މީހެއްގެ ގެއެއްގައި އެމީހާގެ ބެލުމުގެ ދަށުގައިކަން އެނގިފައިވެއެވެ.
އެމީހުން ދިރިއުޅޭ އެޕާޓްމަންޓުގެ ކޮޓަރި މޭޒު މަތިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާއިރު، އެ ހަތަރު މީހުން ވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ.
ހަތަރު މީހުންގެ ބަންދު އަމުރުގައިވާ ގޮތުގައި އެމީހުންނަށް ވަނީ 15 ދުވަހުގެ ބަންދު އަމުރެއް ނެރިފައެވެ. ބަންދުގެ މުއްދަތު ހަމަވަނީ މި މަހުގެ 24 ވަނަ ދުވަހުގައެވެ.
ނަމަވެސް އޭގެ ކުރިން އެމީހުން ދޫކޮށްލާފައިވުމުން އެކަމާ ސުވާލު ކުރުމުން ފުލުހުން ބުނީ، އެމީހުންގެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ޕީޖީއަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
އަދި އޭގެ ތެރެއިން އެކަކު ފިޔަވާ ދެން ތިބި ތިން މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށާއި ދެން ހުރި މީހާވެސް މިއަދު ދޫކޮށްލާނެ ކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުން މި މައްސަލަ ކޯޓު މަރުހަލައިގެ ތެރެއިން މިހާރު ކުރިއަށްދާއިރު، އިތުރަށް އެމީހުން ހައްޔަރުގައި ބަހައްޓަން އަމުރުކޮށްފިނަމަ އެގޮތަށް އަމަލު ކުރާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.



