ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާއަކަށް އިއުތިރާފުވުމުން 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
ގައްސާން އަލީ ކިޔާ މީހަކަށް ދައުލަތުން ދައުވާ ކޮށްފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އޭނާ އާއި އިތުރު ބައެއްގެ އަތުން ގިނަ އަދަދެއްގެ ކެނެބިސް ފެނިފައިވާތީއެވެ.
އެގޮތުން މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ރެއިޑްކުރި އެޕާޓްމެންޓެއްގެ ތެރެއިން ގައްސާނާއި އިތުރު ދެ މީހެއްގެ އަތުން ކެނެބިސް ފެނިފައިވެއެވެ. އަދި އޭގެ ފަހުން ގައްސާން ދިރިއުޅޭ އެޕާޓްމެންޓުން ވެސް ކެނެބިސް ފެނިފައިވެއެވެ.
ގައްސާންގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ފެށުމުން އޭނާ ވަނީ ދައުވާއަށް އިންކާރު ކޮށްފަ އެވެ. އެއާ އެކު ދައުވާ ސާބިތުކުރަން ދައުލަތުން ހެކި ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް 2022 ވަނަ އަހަރު ހުށަހެޅި ދައުވާގައި ހެކި ބަސް ނަގާ މަރުހަލާއާ ހަމައަށް ހަތަރު އަހަރު ވެގެން ދާއިރު ވެސް ވާސިލް ނުވެވި ވަނިކޮށް ގައްސާން ވަނީ ދައުވާ އަށް އިއުތިރާފުވެފަ އެވެ.
އިއުތިރާފް އެއްބަސްވުން ހެދުމަށް ގައްސާންގެ ފަރާތުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހެޅުމުން މިދިޔަ މަހުގެ ތެރޭގައި އެ އެއްބަސްވުން ހަދައި، ކޯޓަށް ހުށަހަޅާފައިވެ އެވެ. ކްރިމިނަލް ކޯޓުން ވަނީ އެ އެއްބަސްވުން ބަލައިގަނެ، އޭގައިވާ އަދަބު ގައްސާންގެ މައްޗަށް ކަނޑައަޅަން ނިންމައިފަ އެވެ.
ގައްސާންގެ މައްޗަށް 12 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމަކާ އެކު 50،000ރ. އިން ޖޫރިމަނާ ކުރުމުގެ އަދަބަކަށް ވަނީ އެއްބަސްވެފައެވެ. ނަމަވެސް ތަހުގީގު އަދި ޝަރީއަތުގެ މަރުހަލާގައި ތިން އަހަރާއި 11 މަސް އޭނާ ހޭދަކޮށްފައިވާތީ، ބާކީ އޭނާ ތަންފީޒު ކުރަން ޖެހޭނީ 8 އަހަރާއި ހަ މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ.



