ށ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، މިއަދުގެ ފުރަތަމަ ރަށަކަށް އެ އަތޮޅު ފޭދޫއަށް ވަޑައިގެންފިއެވެ.
ރައީސް މުޢިއްޒު ފޭދޫއަށް ވަޑައިގަތުމުން، އެ ރަށު ކައުންސިލު މެންބަރުންނާއި ސަރުކާރު އިދާރާތަކުގެ ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުންވެސް ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ފޭދޫގައި ކުރިއަށްދާ ތަރައްޤީގެ މަސައްކަތްތަކަށް ބަލާއިރު، ރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ތަރައްޤީކުރުމުގެ ބިންގާ ވަނީ އަޅާފައެވެ. އެއަށްފަހު ރައީސުލްޖުމްހުރިއްޔާ، އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރަށުގައި ހުރި އެކިއެކި މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ.
ރައީސް މުޢިއްޒު އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވާ ޖަލްސާގައި ރަށުގައި މުހިންމު 2 މަޝްރޫޢުއެއް ކުރިއަށްގެންދިއުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.



