ކުރީ ސަރުކާރުގައި މަހުގެ ޓެރިފް ކުޑަކުރިކަން ފެންނަންް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެެއްވަމުންނެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް، އިކޮނޮމިކް މިނިސްޓަރާ ސުވާލުކުރެއްވީ، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމުދު މިއަހަރު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އަމަލުކުރަން ނިންމާފައިވާއިރު އެ މަސައްކަތް އޮތީ ކޮން މަރުހަލާއެއްގައި ތޯ ބެލުމަށެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ވާހަކަތައް ފަށާފައިވަނީ 2016 ވަނަ އަހަރު ކަމަށް ވިދާޅުވެފައެވެ. އޭރު އެ މަޝްވަރާތައް ފެށިފައިވަނީ އިނގިރޭސިވިލާތް ޔޫރަޕުގެ އިއްތިހާދުން ވަކިވުމާއެކުކަމަށް ވިދާޅުވިއެވެ. އެކަމާ ގުޅޭގޮތުން ފުރަތަމަ ސިޓީ އެއް ފޮނުވާފައިވަނީ 16 އޮކްޓޯބަރ 2016 ގައި އޭރުގެ އިކޮނޮމިކް މިނިސްޓަރު ސޮއި ކުރައްވާފައި ކަމަށް ވެސް މިނިސްޓަރ ސައީދު ވިދާޅުވިއެވެ. އޭރުގެ އެ މަގާމުގައި ހުންނެވީ ވެސް މިހާރުގެ އިކޮނޮމިކް މިނިސްޓަރު ސައީދެވެ.
ނިމިދިޔަ ސަރުކާރުގައި އިނގިރޭސިވިލާތާއި ރާއްޖެއާއި ދެމެދު މަޝްވަރާކޮށްގެން، މަހުން ނަގަމުން ދިޔަ ޓެރިފް ކުޑަކުރިކަމަށް މެންބަރު މީކާއިލް ވިދާޅުވެފައި ވުމުން، ސައީދު ވިދާޅުވީ އެ ބަދަލަކީ ސަރުކާރަކާއެކު ކުރެވުނު މަޝްވަރާއަކާއި ގުޅިފައިވާކަމެއް ނޫން ކަމަށެވެ.
”ބްރެކްޒިޓް ގެ ކުރިން އިނގިރޭސިވިލާތުން ނަގަމުން ދިޔައީ 24 ޕަސަންޓު ޓެރިފެއް. މިހާރު ނަގަމުން ދަނީ 20 ޕަސަންޓުގެ ޓެރިފެއް. މިއީ ޕްރިފަރެންޝަލް އެގްރިމެންޓެއް ނެތް ހުރިހާ ޤައުމަކަށް، އެ ޤައުމުން ނަގާ ޓެރިފް.“ މިނިސްޓަރު ވިދާޅުވިއެވެ.




