އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ށ. ފޭދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ށ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި، އެ އަތޮޅު ފޭދޫއަށް މިއަދު ވަޑައިގެން ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުނ ރައީސް މުޢިއްޒު ވިދާޅުވީ، އަންނަ އަހަރަށް ކަނޑައަޅާފައިވާ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި ފޭދޫއަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ނިންމާފައިވަނީ 500 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތެއް އެޅުން ކަމަށެވެ.
”އަންނަ އަހަރުގެ ބަޖެޓު ފާސްވެގެން ދާއިރު، އައު މަޝްރޫޢު އެއްގެ ގޮތުގައި ފެށިގެންދާނެ އެންމެ މުހިންމު އެއް މަޝްރޫޢުއަކީ މި ރަށުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް އެޅުން“ ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އެ މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފޭދޫގައި ފައްޓަވައިދެއްވާނެ ކަމަށެވެ.



