އޮޑިޓަރ ޖެނެރަލް އޮފީހަށް އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 134.2 މިލިއަން ރުފިޔާ ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުން މިގޮތަށް ފާސްކުރީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 51 މެންބަރުންގެ އިއްތިފާޤުންނެވެ. އަދި މިއީ މިހާތަނަށް ފާސްކުރެވުނު އެންމެ ބޮޑު ބަޖެޓެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާ ވަކިން މަޖިލީހަށް ހުށަހަޅަންޖެހޭ ބަޖެޓެކެވެ. އެ އޮފީހުގެ ޚަރަދުތައް ތަފްސީލުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓު މަޖިލިހުން ފާސްކުރުމުން، އެ އަދަދު ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާނެއެވެ.
އެގޮތުން އެ އޮފީހުން މަޖިލީހަށް ހުށަހެޅީ އަންނަ އަހަރަށް 134،291،084 ރުފިޔާ (ސަތޭކަ ތިރީސް ހަތަރު މިލިޔަން ދެ ލައްކަ ނުވަހާސް އައްޑިހަ ހަތަރު ރުފިޔާ) ގެ ބަޖެޓެކެވެ. މިއީ މިއަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 20 މިލިއަން ރުފިޔާގެ އިތުރު ބަޖެޓެކެވެ.
މިކަމާ ބެހޭގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޮޑިޓް އޮފީހުން ބުނީ އެގޮތަށް ހުށަހެޅުއްވީ އެކި ޑިޕާޓްމަންޓުތަކަށް ސީނިއަރ އޮޑިޓަރުން ނަގަންޖެހޭތީ ކަމަށާއި، މިހާރުވެސް 22 ޑިޕާޓްމަންޓެއްގެ ތެރެއިން ހަތް ޔުނިޓުގެ މަސައްކަތް ކުރަނީ ސީނިއަރ އޮޑިޓަރެއް ނެތި ކަމަށެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އޮޑިޓް ފަންޑުގެ މުވައްޒަފުން ނޭޝަނަލް ޕޭ ފްރޭމްވަރކަށް ބަދަލުކޮށްފައިވާއިރު އެ މުވައްޒަފުންގެ މުސާރައަށްވެސް 9.1 މިލިޔަން ރުފިޔާ އިތުރުވެފައިވާ ކަމަށްވެސް އޮޑިޓު އޮފީހުން ކޮމިޓީގައި ބުނެފައިވެއެވެ.
މާލިއްޔަތު ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު ފާސްކުރީ އޮޑިޓް އޮފީހުން ހުށަހެޅުއްވި ގޮތަށް 134.2 މިލިއަން ރުފިޔާގެ ބަޖެޓެއް އަންނަ އަހަރަށް އެ އޮފީހަށް ކަނޑައެޅުއްވުމަށެވެ. އެއީ ރިކަރަންޓު ޚަރަދާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ކުރާ ޚަރަދުގެ ގޮތުގައި ހޭދަވާނެ 92،791،084 ރުފިޔާ (ނުވަދިހަ ދެ މިލިޔަން ހަތްލައްކަ ނުވަދިހަ އެއްހާސް އައްޑިހަ ހަތަރު ރުފިޔާ) އާއި ޕީއެސްއައިޕީގެ ގޮތުގައި 41،500،00 ރުފިޔާ (ސާޅީސް އެއް މިލިޔަން ފަސްލައްކަ ރުފިޔާ) އެވެ.



