ތަރިކައިގެ ދާއިރާއިން މަޢުލޫމާތު ލިބިގަތުމަށާއި ތަޖުރިބާ ހޯދުމަށް މި ހަފުތާގައި ޤައުމީ ދާރުލްއާސާރަށް ދެ ސުކޫލަކުން ޖުމުލަ 69 ދަރިވަރުން ޒިޔާރަތްކޮށްފިއެވެ.
މި ޒިޔާރަތަކީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ސުކޫލު މަދަރުސާތަކަށް ހުޅުވާލާފައިވާ ޕްރޮގްރާމެއްގެ ދަށުން ކުރިއަށް ގެންދެވުނު ޒިޔާރަތެކެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ޒިޔާރަތުގައި މުޙައްމަދު ޤާސިމް ޕްރީ ސުކޫލުން 65 ދަރިވަރުންނާއި ޠިބްޔާން ޕްރީސްކޫލުން 4 ދަރިވަރުން ބައިވެރިވިއެވެ. އަދި މި ދަރިވަރުންނާއެކު 12 މުދައްރިސުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ޒިޔާރަތުގައި ދަރިވަރުންނަށް ޤައުމީ ދާރުލްއާސާރުގައި މައުރަޒުކުރެވިފައިވާ އާސާރީ ތަކެތި ދައްކާލުމުގެ އިތުރުން، އެ ތަކެތި ބޭނުންކުރެވުނު ގޮތުގެ މަޢުލޫމާތު ވަނީ ފޯރުކޮށްދެވިފައެވެ.

މީގެ އިތުރުން، މާލޭގެ ތާރީޚީ މިސްކިތްތަކަށްވެސް ދަރިވަރުން ޒިޔާރަތްކޮށް، މާލޭ ހުކުރު މިސްކިތް، މެދުޒިޔާރަތް އަދި ކަޅުވަކަރު މިސްކިތް ފަދަ ތަންތަން ގާތުން ބަލާލުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.

މި ޒިޔާރަތްތަކުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ތަރިކައަށް އޮންނަ ލޯބި އާލާކޮށް، ދިވެހިރާއްޖޭގެ މުއްސަނދި ތާރީޚަށް އަހުލުވެރިކުރުވުމެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ފާހަގަކުރައްވާ ގޮތުގައި، މިފަދަ ޒިޔާރަތްތަކުގެ ސަބަބުން ދަރިވަރުންގެ މެދުގައި ޤައުމީ ތަރިކައަށް އޮންނަ ހޭލުންތެރިކަން އިތުރުވެ، ދިވެހި ސަގާފަތް ދެމެހެއްޓުމަށް އެހީތެރިވެދެއެވެ.



