ށ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، މިއަދުގެ ފުރަތަމަ ރަށަކަށް އެ އަތޮޅު ނަރުދޫއަށް ވަޑައިގެންފިއެވެ.
ރައީސް މުޢިއްޒު ނަރުދޫއަށް ވަޑައިގަތުމުން، އެ ރަށު ކައުންސިލު މެންބަރުންނާއި ސަރުކާރު އިދާރާތަކުގެ ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުންވެސް ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ނަރުދޫގައި ކުރިއަށްދާ ތަރައްޤީގެ މަސައްކަތްތަކަށް ބަލާއިރު، ރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ތަރައްޤީކުރުމުގެ ބިންގާ ވަނީ އަޅާފައެވެ. އެއަށްފަހު ރައީސުލްޖުމްހުރިއްޔާ، އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރަށުގައި ހުރި އެކިއެކި މުވައްސަސާތަކުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާނެއެވެ.
ރައީސް މުޢިއްޒު އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވާ ޖަލްސާގައި ރަށުގައި މުހިންމު ބައެއް މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.




