ބެސްޓިނެޓާއެކު ވެފައިވާ އެއްބަސްވުމަށް ކުރީ ސަރުކާރުން އަމަލުނުކޮށް 5 އަހަރުވިކަމަށާއި އެކަމުގައި އެ ކުންފުންޏާއެކު އެއްވެސް މުއާމަލާތެއް ނުކުރާތީ ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ދައްކަންޖެހުނު ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ބަންޑާރަނައިބު މިހެން ވިދާޅުވީ ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ކަންކަން ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުމާ ގުޅިގެން ދީފައިވާ ލަފަޔާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. މުޙައްމަދު ޝަމްހީދު ކުރެއްވި ސުވާލަށް މަޖިލީހުގައި ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ބަންޑާރަނައިބު އުޝާމް ވިދާޅުވީ ބެސްޓިނެޓާއެކު އެންމެ ފުރަތަމަ އިމިގްރޭޝަނުން ސޮއިކުރީ 2016ވަނަ އަހަރު ކަމަށެވެ. ނަމަވެސް 2019ވަނަ އަހަރު ބިދޭސީން ގެނައުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، ބަންގްލަދޭޝްގެ މަސައްކަތްތެރިން އެއް އަހަރު ދުވަހަށް ނުގެނެވޭ ގޮތަށް ހެދުމުން އެއްބަސްވުން ތަންފީޒުނުކުރެވި ހުއްޓިފައި އޮތް ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
މި ބަދަލުތައް އޭރުގެ ސަރުކާރުން ގެންނެވިއިރު ބެސްޓިނެޓާ އެއްވެސް ކަމެއް ހިއްސާކުރައްވާފައި ނުވާ ކަމަށްވެސް ބަންޑާރަނައިބު ވިދާޅުވިއެވެ.
މި އެއްބަސްވުމަށް އަމަލުނުކޮށް، ބެސްޓިނެޓުގެ ސިސްޓަމް ބޭނުންކުރުން ހުއްޓާލުމާ ގުޅިގެން އެ ކުންފުނިން ފަސް ލީގަލް ނޯޓިސް ފޮނުވި ކަމަށާއި އެއަށް އޭރުގެ ސަރުކާރުން އެއްވެސްޖަވާބެއް ދީފައިވާކަން ލިޔެކިޔުންތަކުން ފެންނަން ނެތް ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.



