ގަވާއިދާ ޚިލާފަށް ”ވަގަށް“ އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ގެއްލުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު ފުލުހުން މިއަދު ހާމަކޮށްފިއެވެ.
މިއަަހަރުގެ އޭޕްރިލް މަހުގެ 26ވަނަ ދުވަހު ކަސްޓަމްސް އިން ހިފަހައްޓާފައިހުރި 2 ކޮންޓެއިނަރު ސިނގިރޭޓު، ހުޅުމާލޭގައި ހުންނަ އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަަށް ހުށަހަޅާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގައެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހަކު ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި ތަންތަން ވެސް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
މިކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވިކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު ރޭގައި ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެގޮތުން ހައްޔަރުކުރި މީހުންގެ ތެރޭގައި ދެ ވިޔަފާރިވެރިއަކާއި ކަސްޓަމްސްގެ އިސް މުވައްޒަފަކާއި އިތުރު މީހަކު ހިމެނޭކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން މިއަދު ހާމަކުރިގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ މއ. އެވަރ ގްލޯރީ / އަހްމަދު އާރިފް (61އ.) އާއި ބ. އޭދަފުށި ދިގަލި / މުޙައްމަދު ވަހީދު (65އ.) އާއި ހ. ނިއު ހެޕިނެސް / މުއާޒް އަލީ (48އ.) އަދި ހއ. ވައިކަރަދޫ މެދުރީގެ / ޒިވާރު އިސްމާއިލް (40އ.) އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އަހުމަދު އާރިފް އާއި ޒިވާރު އިސްމާއިލް 15 ދުވަހަށް އަދި މުޙައްމަދު ވަހީދާއި މުއާޒް އަލީ 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އެނގިފައިވާ ގޮތުގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން މުޙައްމަދު ވަހީދާއި އަހްމަދު އާރިފަކީ ދެ ވިޔަފާރިވެރިންނެވެ. ޒިވާރް އިސްމާއިލަކީ މިހާރު ކަސްޓަމްސްގެ އިސްވެރިއެކެވެ. އަދި މުއާޒް އަލީއަކީ ކުރިން ކަސްޓަމްސްގެ އޮފިސަރެކެވެ.
މި މައްސަލައާ ގުޅިގެން އެމްޕީއެލް އިން ވެސް ވަނީ 6 މުވައްޒަފަކު ސަސްޕެންޑު ކޮށްފައެވެ. ނަމަވެސް އެމީހުންގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެއެވެ.



