އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާ ބަޖެޓުގައި ތިން ބިލިއަން ރުފިޔާ އާ މަޝްރޫއުތަކަށް ހޭދަކުރާނެ ކަމަށާއި، އެގޮތުން އަލަށް ފަށާ ސިއްހީ ދާއިރާގެ މަޝްރޫއުތަކަށާއި ތައުލީމީ ދާއިރާގެ މަޝްރޫއުތަކަށް އޭގެ ތިންބައިކުޅަ އެއްބައި ޚާއްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި ވިދާޅުވެއްޖެއެވެ.
ށ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފުނަދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރޭގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އާ މަޝްރޫއުތަކަށް އަންނަ އަހަރުގެ ބަޖެޓުން ކަނޑައަޅާ ތިން ބިލިއަން ރުފިޔާގެ ތެރެއިން މަދުވެގެން 500 މިލިއަން ރުފިޔާ އަލަށް ފަށާ ތައުލީމީ މަޝްރޫއުތަކަށް، އަދި މަދުވެގެން 500 މިލިއަން ރުފިޔާ އަލަށް ފަށާ ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް ކަނޑައަޅާނެ ކަމަށެވެ.
”އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ކަންކަން ކުރުމުގެ ގޮތުން ސަރުކާރުން ކަންތައް ކުރަން ޖެހޭނެ ގޮތަކީ، މިކަންކަން ކުރެވިގެެން ދިޔައީމަ ރައްޔިތުންނަށް އެންމެ އެދެވޭ ގޮތެއްގަ ކަންކަން އެ ކޮށްދެވެނީ، ރައްޔިތުންނަށް އެންމެ ފުރިހަމަ މިނުގަ ކަންކަން އެ ކޮށްދެވެނީ،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ދައުލަތުގެ ބަޖެޓު މިހާރު ގާތްގަނޑަކަށް ތައްޔާރުކޮށް ނިމިއްޖެ ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއުތައް ހިންގައި، ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއަށް ދުވަހަކު ނުދޭ ވަރަށް އިސްކަންދޭނެ ކަމަށެވެ.
އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ތައުލީމު ދެވޭނެ ނިޒާމެއް ހަމަޖައްސައި، ހުރިހާ ސްކޫލެއްގައި އިންކްލޫސިވް ކްލާސްރޫމްތައް ގާއިމްކުރުމުގެ މަޝްރޫއުތައް ހިމަނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.




