ށ. ޅައިމަގަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްދީ، ސިއްހީ ހިދުމަތް އިތުރަށް ފުޅާކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ ޅައިމަގުގެ ރައްޔިތުންނާއެކު މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ޅައިމަގުގެ ތަރައްގީއަށްވެސް ކުރަން ހުރި މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ފިޓްނެސް އެޑް ރެކްރިއޭޝަން ސެންޓަރާއި ސިއްޙީ މަރުކަޒާއި ކައުންސިލް އިމާރާތް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ތަރައްގީގެ އެކި މަޝްރޫއުތައް ކުރިއަށްގެންދަވާނެކަމަށާއި އެގޮތުން ކުރީ ސަރުކަރުން ހަވާލުކޮށްފައިވާ ކުނިކޮށީގެ މަސައްކަތް ކުރިއަށް ނުދާތީ އެ މަސައްކަތް މިމަހުގެ ތެރޭގައި ފައްޓަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާއިން ކުރައްވާނެ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ ސްކޫލުގެ އައު އޮފީސް އިމާރާތް ތަރައްޤީކުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެކަމަށެވެ. އަދި ފުޓްސަލް ދަނޑު މަރާމާތުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށާއި، އަންނަ އަހަރު ސްވިމިންގ ޓްރެކެއް ތަރައްޤީކޮށް، ފުލުހުންގެ އަމިއްލަ އިމާރާތެއްގެ މަސައްކަތްވެސް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.
”ސްކޫލްގެ އައު އިމާރަތުގައި ލައިބްރަރީ، ސައިންސް ރޫމް، ހެލްތް ރޫމް ހިމެނޭނެ. އެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާން. އަންނަ އަހަރު އެ މަޝްރޫއު ވީހާވެސް ކުރީކޮޅު ފަށާނަން.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.




