ކުރިއަށް އޮތް ހަފްތާގައިވެސް މޫސުން ގޯސްވެ، ކަނޑުތައްވެސް ގަދަވާނެ ކަމަަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މިދިޔަ ހަފްތާއިން ފެށިގެންފަނީ ވިއްސާރަ ކުރަމުންނެވެ. އަދި ކަނޑުތައް ގަދަވުމުގެ ސަބަބުން ރީނދޫ ސަމާލުވެސް ނެރުނެވެ.
މެޓް އޮފީހުން ބުނި ގޮތުގައި އަންނަ ހަފްތާގައިވެސް ހަމަ މިފަދައިން ވިއްސާރަ ކުރާނެއެވެ.
އެގޮތުން އަންނަ ހަފްތާ ފެށޭއިރު ބައެއް ހިސާބުތަކަށް ވާރޭވެހުން މަދުކޮށްލަފާނެ ކަމަށާއި އެކަމަކު ވިލާގަނޑު މުޅިން ސާފު ނުވާނެ ކަމަށް މެޓުން ބުންޏެވެ.
މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، އަންނަ ހަފުތާ ވެސް ވަޔާއެކު ކަނޑު ވަރަށް ގަދަވާނެ ކަމަށާއި ކުރިއަށް އޮތީ ވިއްސާރަ ދުވަސްކޮޅެއް ކަމަށެވެ.
ރާއްޖެއަށް މި ދުވަސްކޮޅު މިކުރަނީ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. އެގޮތުން މުޅި ރާއްޖެއަށް މޮހާރުވެސް އޮތީ ހުދު ސަމާލު ނެރެފައެވެ.
އުތުރުގެ އަތޮޅުތަކަށް އާއްމުކޮށް ވައިޖެހޭނީ 13-23 މޭލަށް، މެދުރާއްޖެތެރެ އާއި ދެކުނަށް 25-25 މޭލަށް ވައިޖެހޭނެ، ވިލާގަނޑުގައި 45 މޭލަށް ވައިޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.



