މާއުނގޫދޫ ސިއްހީ މަރުކަޒަކީ 24 ގަޑިއިރު ހިދުމަތްދޭ މަރުކަޒަކަށް ހެދުމަށް ގަސްދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން އެ އަތޮޅު މާއުނގޫދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ، މިއަދު އެ ރަށުގައި ރަސްމީކޮށް ފެށި މުހިންމު އުމްރާނީ މަސައްކަތްތަކާއި އެ ނޫންވެސް ތަރައްގީގެ މަޝްރޫޢުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މޫސުން ތަންނުދިނުމުގެ ސަބަބުން، މަޝްރޫޢުތައް ފެށުމުގެ ރަސްމިއްޔާތުތައް ނުބޭއްވުނު ކަމުގައިވީ ނަމަވެސް، އެ މަޝްރޫޢުތައް ފައްޓަވައިގެން ކުރިއަށްގެންދަވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
އެގޮތުން ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ނިމިގެންދާއިރު ސަރުކާރުން ގަސްދުކުރައްވަނީ، އެއީ، 24 ގަޑިއިރު ހިދުމަތްދޭ މަރުކަޒަކަށް ހެދުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި މަސައްކަތުގެ އިތުރުން، ރަށު ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތާއި، މާއުނގޫދޫ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތާއި، ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް އެރަށުގައި ޢިމާރާތްކުރުމުގެ މަސައްކަތާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އަދި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތްވެސް މިއަދު އެރަށުގައި ވަނީ އަމަލީގޮތުން ފަށާފައެވެ.
މިއަދުގެ ޖަލްސާގައި ރައީސް މުޢިއްޒު ވަނީ، ރަށުގައި މިހާރުވެސް ކުރިއަށްދާ ބައެއް މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، މޯލްޑިވްސް ވޯޓަރ އެންޑް ސުވެރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އާ ހަވާލުކުރައްވައިގެން އެމަސައްކަތް ކުރިއަށްގެންދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ކުރިއަށްގެންދާ ބަނދަރު މަޝްރޫޢަށް، ރައްޔިތުން އެދިވަޑައިގެންނެވި ކަންކަން އިތުރުކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރަށުގެ ގިރާ ސަރަޙައްދުގެ މަސައްކަތް ކުރައްވާނީ، މޫދަށް އެރޭ ސަރަޙައްދެއް ހިމަނުއްވައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، މިއަހަރު އެ ރަށުގައި ފުޓުބޯޅަ ދަނޑެއްގެ މަސައްކަތް ފައްޓަވައި، އެ ރަށުގައި މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ރައީސް ވަނީ، ށ. އަތޮޅުގެ އެންމެހައި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައި، އަތޮޅުގެ ރައްޔިތުން އެދިވަޑައިގެންނެވި ކަންކަން ކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނޭކަމުގެ ޔަޤީންކަން ތަކުރާރުކުރައްވާފައެވެ. ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދިނުމުގައި ސަރުކާރުން ކުރިއަށްދާނީ ރައްޔިތުންނާއެކު، ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވައިގެން ކަމުގައި ވިދާޅުވެ، އެކަމުގެ ނަތީޖާ މިހާރުވެސް ފެންނަމުންދާކަމަށާއި، އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެ ނަތީޖާ ފެންނަމުންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



