ބޭނުންނުކޮށް ގިނަ ދުވަސްވެފައިވާ 716 ވެހިކަލް ހުޅުމާލޭގެ މަގުތަކުގައި މިހާރު ބަހައްޓާފައި އެބަހުރި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މި އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ހުޅުމާލޭ ފުލުހުންނެވެ.
އެގޮތުން މި މަސައްކަތުގެ ތެރެއިން 716 އުޅަނދު ދެނެގަނެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ކާރާއި ސައިކަލުގެ އިތުރުން ޕިކަޕް އަދި ވޭން ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މި މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މަސައްކަތަކީ ފުލުހުންނާއި، އެޗްޑީސީއާއި، ޓްރާންޕޯޓް މިނިސްޓްރީއާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން، ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުމާއި މަގުތަކަކީ އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެއްކަން ވެސް ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.
މިކަމާ ބެހޭގޮތުން އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި، ހަލާކުވެފައިވާ އަދި ބޭނުންނުކޮށް ގިނަދުވަސް ވެފައިވާ އުޅަނދުތަކުގެ މައުލޫމާތު އެއްކުރުމަށް، އެ ކޯޕަރޭޝަނާއި ހުޅުމާލެ ޕޮލިސް ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.




