ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ނަންދަނަ ސެނެވިރަތުނެގެ، އޭނާގެ މަގާމުގެ ދައުރު ހަމަކުރުމަށްފަހު މިއަދު ވަކިވެއްޖެއެވެ.
އޭނާ މަގާމުން ވަކިވެވަޑައިގަތީ 11 އަހަރު ބީއެމްއެލްގައި ޚިދުމަތް ކުރެއްވުމަށް ފަހުގައެވެ. އޭނާ ބީއެމްއެލްއާ ގުޅިވަޑައިގަތީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.
ބީއެމްއެލްގެ ފައިނޭންސްގެ ޑިވިޝަނަށް ނަންދަނަ ގެނެސްދެއްވި މުހިންމު ބަދަލުތަކަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވަނީ ޝުކުރު އަދާކުރެއްވާފައެވެ.
އެ ބޭންކުން ބުނީ ނަންދަނަ ކޮށްދެއްވި ހިދުމަތް ފާހަގަކޮށް ބީއެމްއެލްގެ ބޯޑް ޑިރެކްޓަރުންނާއި މެނޭޖްމެންޓާއި މުވައްޒަފުން ވެސް ޝުކުރުއަދާކުރެއްވި ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ފައިނޭންސް ޑިވިޝަނުގައި މިހާރު ވެސް ދިވެހި ހަތަރު ޗާޓާޑް އެކައުންޓަންޓުން މަސައްކަތްކުރެއެވެ. އަދި، ބޭންކުގެ އޮޑިޓް ޑިޕާޓްމަންޓްގައި ދިވެހި ދެ ޗާޓާޑް އެކައުންޓަންޓުން މަސައްކަތްކުރެއެވެ.




