ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރަސްމީ ދަތުރުފުޅެއްގައި މިއަދު މިސްރަށް ވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރުގެ މި ދަތުރުފުޅުގައި މިޞްރުގެ ޚާރިޖީ ވަޒީރާއި ބައްދަލުކުރައްވައި، އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެޤައުމުގެ ޒަމާންވީ އަޙްވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، މިގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި ރާއްޖެއިން އިސްކަންދޭ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން މިޞްރު ސަރުކާރުގެ ކަމާބެހޭ އިސް ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރުމަށްވެސް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރުގެ މިދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި މިޞްރާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި އަދި ބައިނަލްއަޤްވާމީ މަންސަތަކުުގައި ދެ ޤައުމުން ގުޅިގެން އަދާކުރަމުން އަންނަ ދައުރު އިތުރަށްފުޅާ ކުރުމަށް މި ދަތުރުފުޅުގައި މަޝްވަރާ ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.




